ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި ވޮލްފުސްބާގު މައްޗަށް 2-1 ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓަޑުން ކާމިޔާބު ހޯދިއިރު ވާދަވެރި މެންޗެސްޓާ ސިޓީވެސް ބޮރޫޝިއާ މޮންޗެންގުލެބާޗްގެ މައްޗަށް 2-1 ނަތީޖާއަކުން ކާމިޔާބު ހޯދައިފިއެވެ.

މިހަފުތާގައި ކުޅުނު މެޗްތަކުން އިނގިރޭސި އަނެއް ދެ ޓީމު ޗެލްސީއާ އާސެނަލް ބަލިވިއިރު މެންޗެސްޓާގެ ދެކުލަބުވެސް މޮޅުވީ ޖަރުމަންގެ ދެ ކުލަބު އަތުންނެވެ.

މެންޔޫގެ އަމިއްލަ ދަނޑު އޯލްޑް ޓްރެފާޑުގައި ކުޅުނު މެޗްގައި ވޮލްފުސްބާގުން ފުރަތަމަ ލީޑް ނެގިއިރު އެލަނޑު ކާމިޔާބު ކުރީ މެޗް ފެށިގެން ހަތަރު ވަނަ މިނެޓްގައި ޑެނިއަލް ކަލިޖީރީއެވެ.

އޭނާ މިލަނޑު ޖެހީ ރިތި ޕާސިންއަކަށް ފަހު މެކްސް ކުރޫޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗްގެ 34 ވަނަ މިނެޓްގައި މެންޔޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ ވޮލްފުސްބާގުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ކަލިޖިރީ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެއްގައި ހުއަން މާޓާ ކާމިޔަބުކޮށްދިން ލަނޑުންނެވެ.

މެޗްގެ 53 ވަނަ މިނެޓްގައި މެންޔޫއަށް ލީޑު ނަގައިދިނީ މާޓަ ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސް ސްމޯލިންއެވެ.

އެލަނޑަށް ފަހުވެސް ނަތީޖަ ހަމަހަމަ ކުރުމުގެ ފުރުސަތު ވޮލްފްސްބާގަށް ލިބިގެން ދިޔަ ނަމަވެސް ލަނޑެއް ކާމިޔަބު ކުރެވޭގޮތެއް ނުވިއެވެ.

މިގުރޫޕްގައި ރޭ ޕީއެސްވީ ވަނީ ސީއެސްކޭ މޮސްކޯ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ރޭ ބޮރޫޝިއާގެ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި މެންސިޓީގެ ލަނޑުތައް ކާމިޔާބު ކުރީ ނިކޮލަސް އޮޓަމެންޑީއާ ސާޖިއޯ އަގުއޭރޯއެވެ. ބޮރޫޝިއާގެ ލަނޑު ކާމިޔާބު ކުރީ ލާސް ސްޓެންޑަލްއެވެ.

ރޭގެ މެޗްގައި ލަނޑު ޖެހުމަށްފަހު މެންސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ސްޓޭންޑަލް ކާމިޔާބު ކުރި ލަނޑުން މެޗްގެ 54 ވަނަ މިނެޓްގައި ބޮރޫޝިއާއިން ލީޑް ނެގިއިރު އެޓީމަށް ލީޑުގައި އޮވެވުނީ އެންމެ ދިހަ މިނެޓއްހާއިރުއެވެ.

މެޗްގެ 65 ވަނަ މިނިޓްގައި މެންސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އޮޓެމެންޑީއެވެ.

މެޗުން މެންސިޓީ މޮޅުވީ ފަހު ވަގުތުގައި އަގުއޭރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިގޫރޫޕްގައި މިހާތަނަށް ޕޮއިންޓެއް ނުލިބި އޮތީ ބޮރޫޝިއާއަށެވެ.

އެއް ވަނައިގައި އޮތް ޔުވެންޓަސް ވަނީ ސެވިއްޔާގެ މައްޗަށް 2-0 ގެ ނަތީޖައަކުން ކާމިޔަބު ހޯދާފައެވެ.

އެޓީމު އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ސެވިއްޔާއާ ތިނަ ވަނައިގައި އޮތް މެންސިޓީއަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ނަމަވެސް ސެވިއްޔާއަށް ކުރި ލިބެނީ ލަނޑުގެ ތަފަތުންނެވެ.