ދިރާގުގެ 27 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުން އަންނަ އިރު، އަހަރީ ދުވަހުގެ ހަދިޔާއެއްގެ ގޮތުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެގޮތް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ ދިރާގުގެ މޮބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ. އެގޮތުން ޑޭޓާ ޕްލޭނެއް އެކްޓިވޭޓް ކޮށްފައި ނުވިޔަސް ހިލޭ ޑޭޓާ ލިބޭނެކަމަށް ދިރާގުން ބުންޏެވެ.

އޭގެ އިތުރުން ޓަޗްނެޓް ކަސްޓަމަރުންނަށް ފަސް ޖީބީ އާ ހަމައަށް ހިލޭ ޑޭޓާ ލިބޭއިރު، ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ އާ ހަމައަށް ޑޭޓާ ލިބޭނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

ދިރާގުގެ ޑައިރެކްޓާ މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ، ދިރާގުން މިއަދު އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ބޭނުންކުރެވޭ ގޮތް ހަމަޖައްސައިދިނީ ދިރާގާއެކީގައި އަހަރުތަކެއް ހޭދަކުރި ކަމަށްޓަކައި ޝުކުރު އަދާކުރުމުގެ ގޮތުން ކަމަށެވެ.

ހިލޭ ޑޭޓާގެ އިތުރުން ދިރާގުން ދަނީ ސޯޝަލް މީޑިއާ، ފޭސްބުކް އަދި ޓުވިޓާގައި ހާއްސަ ހަރަކާތެއް ހިންގަމުންނެވެ. އެގޮތުން އަހަރީ ދުވަހާ ގުޅޭ ހާއްސަ ޕޯސްޓް ޝެއާކޮށްގެން ނުވަތަ ޓްވީޓް ކޮށްގެން ސެމްސަންގް ގެލެކްސީ އެސް ސިކްސްގެ މުޅިން އާ ފޯނެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ.