ދެކުނު ކޮރެއާގެ އިލެކްޓްރޯނިކް ކުންފުންޏެއް ކަމަށްވާ އެލްޖީ އިން ސެކަންޑަރީ ސްކްރީނަކާއި ދެ ފްރޮންޓް ފޭސިން ކެމެރާ ހިމެނޭ ފޯނެއް ތައާރަފުކޮށްފި އެވެ.

އެލްޖީގެ "ވީ" ސީރީޒްގެ ފުރަތަމަ ފޯނު ތައާރަފުކޮށް އެ ކުންފުނިން ދައްކާފައިވަނީ އެލްޖީ ވީ10 އެވެ. ފޯނުގެ "ކޯ" ސްޕެސިފިކޭޝަން އެލްޖީގެ "ޖީ" ސީރީޒް ފޯނު ޖީ4 އާ ވައްތަރެވެ. އެގޮތުން އެ ފޯނެކޭ އެއްފަދައިން ވީ10ގައިވެސް ވެސް 3،000 މިލިއެމްޕިއާ ރިމޫވަބަލް ބެޓެރިއެއް އިންނާނެއެވެ. ޖީ4 އެކޭ އެއްގޮތަށް ސްނެޕްޑްރެގަން 808 ޕްރޮސެސަރެއް ހިމެނޭ ވީ10ގެ ފަހަތުގައި އިންނަ ކެމެރާ އަކީ 16 މެގަޕިކްސެލް ސެންސަރު ކެމެރާއެކެވެ.

ނަމަވެސް އެލްޖީ އިން ވަނީ ވީ10 ފޯނުގެ ކުރިމަތީގައި ސެކަންޑަރީ ސްކްރީނެއް ހިމަނާފައެވެ. ވީ10ގެ 5.7 އިންޗީގެ ޕްރައިމެރީ ސްކްރީނުގެ މަތީގައި އިންނަ ކުޑަ ސްކްރީނަކީ އަބަދު "އޮން" ކޮށް އިންނަ ސްކްރީނެކެވެ. އެ ސްކްރީނަކީ ފަސޭހައިން އެޕްލިކޭޝަންތައް ސްވިޗްކޮށް ހަދާ ނޮޓިފިކޭޝަންތައް ބެލުމަށް ތައްޔާރުކޮށްފައިވާ ސްކްރީނެކެވެ.

ކުޑަ ސްކްރީނެއްގެ ގޮތުގައި އުފައްދާފައިވާ ސެކަންޑަރީ ސްކްރީނުން ވަގުތާއި ބެޓެރީގައި ޗާޖް ހުރި ވަރުގެ އިތުރުން މޫސުން ވެސް ދައްކާނެ އެވެ.

އެފޯނުގައި އަލަށް ތައާރަފުކޮށްފައިވާ ފަސް މެގަޕިކްސެލްގެ ދެ ފްރޮންޓް ފޭސިން ކެމެރާ އަކީ ސެލްފީ ނަގާ ފަރާތްތަކަށް ހާއްސަ ފީޗާއެކެވެ. ކައިރީގައި އިންނަ ދެކެމެރާގެ އެހީގަައި 120 ޑިގްރީގެ ފޮޓޯތަކެއް ނެގޭނެ އެވެ. އެ ދެކެމެރާއިން 120 ޑިގްރީގެ ފޮޓޯ އެއް އުފެއްދުމަށް ދެ ކެމެރާއިން ނަގާ ފޮޓޯ އެއް ފޮޓޯއަކަށް "ފަހާލަނީ"އެވެ.

އެންޑްރޮއިޑް 5.1.1 ލޮލީޕޮޕް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ ވީ10ގައި ހަތަރު ޖީބީގެ ރެމް އެއް ވެއެވެ. ފޯނުގެ އިންޓާނަލް މެމަރީގައި 64 ޖީބީ އިންނާނެ އެވެ.

މިމަހު ފަހުކޮޅުގައި ކޮރެއާގެ މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ އެ ފޯނު އޮކްޓޯބަރު މަހަށްފަހުު އެހެން ގައުމުތަކުން ލިބެން ހުންނާނެ ކަމަށް އެލްޖީން ވަނީ ބުނެފައެވެ.