24 Mar 2011, 17:53
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް [އެމްބީސީ] މެމްބަރުން ހޮވުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގި އިރު ޑީއާރުޕީގެ ތްރީ ލައިން ވިޕާ ހިލާފަށް ގަލޮޅު ދެކުނު ދާއިރާގެ ޑީއާރުޕީ މެންބަރު އަހުމަދު މަހްލޫފް އަމަލުކުރެއްވުމުން އެ މައްސަލަ ބެލުމަށް އެ ޕާޓީގެ ކައުންސިލަށް ފޮނުވަން ނިންމައިފި އެވެ.
ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވީ މަހުލޫފް ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ތްރީ ލައިން ވިޕާ ހިލާފުވެ އަދި ޕާޓީގެ ތްރީ ލައިން ވިޕަށް އަމަލުނުކުރާނެ ކަމަށް ބުނުމުން އޭނާގެ މައްސަލަ ޑީއާރުޕީގެ ކައުންސިލަށް ގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ.
"އަދި އެ މައްސަލަ ހުށައެއް ނާޅާ. އެކަމަކު އެ މައްސަލަ ކައުންސިލަށް ގެންދަން އޮތީ ޕާޓީން ނިންމާފައި. ފިޔަވަޅު އެޅުމާއި ނޭޅުމުގައި ގޮތެއް ނިންމާނީ ކައުންސިލުން،" ނާފިޒު ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ އެންބީސީ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް ނެގި ވޯޓުގައި ޑީއާރުޕީން ތްރީ ލައިން ވިޕް ނެރެފައިވާ ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް މަހުލޫފު ވަނީ ވޯޓު ނުދެއްވައިފަ އެވެ. އޭގެ ފަހުން މީޑިއާގައި މަހުލޫފް ވިދާޅުވެފައި ވަނީ އޭނާ ގަބޫލުނުކުރައްވާ ލީޑަރަކު ނެރޭ ތްރީ ލައިން ވިޕަކަށް އޭނާ އަމަލު ނުކުރައްވާނެ ކަމަށާއި ތްރީ ލައިން ވިޕާ ހިލާފުވީ ވެސް ގަސްތުގައި ކަމަށެވެ.
މަހުލޫފް މިއަދު ވިދާޅުވީ ޑީއާރުޕީގެ ކައުންސިލުން އޭނާ އާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބުނުކަމަށެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެންމެ އަވަހަށް އޮންނަ ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމެއްގައި މަޝްވާރާކުރާނީ މަހުލޫފުގެ މައްސަލައިގެ އިތުރުން ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި ބައިވެރިވެވަޑައި ނުގަތް ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހަންމަދާއި އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މައްސަލަ އެވެ.