01 Oct 2015, 13:33
ރާއްޖެއަށް ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްއާ ދެކޮޅަށް ޝަރީއަތް ހިންގާފައި ވަނީ އިންސާފުން ނޫން ކަމަށް ބުނެ އެމައްސަލަ ޔޫއެއަން އަށް ހުށަހަޅަން އާއިލާއިން ނިންމައިފިއެވެ.
ނާޒިމްގެ ކޮށްކޮ އާދަމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ، އެމައްސަލަ ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނާޒިމްގެ ވަކީލު އަދި ކުރީގެ އެޓާނީ ޖެނެރަލް ޙުސްނުއް ސުޢޫދު އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް މައްސަލަ ހުށަހަޅުއްވަން ރާއްވަވާފައިވާ ކަމަށެވެ.
ކާނަލް ނާޒިމުގެ މައްސަލައިގައި އިންޑިއާއިން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކޮށްފައި ނުވާތީ ސުޢޫދު ވަނީ އިންޓަވިއުގައި ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.