ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކޮށްފައިވާ ހުކުމާ ދެކޮޅަށް އދ.ގެ ވާކިން ގުރޫޕުން ތާއީދުކޮށްފައިވާ އިރު ރައީސް ނަޝީދު ބަންދުކޮށްގެން ގެންގުޅޭ ކޮންމެ ދުވަހަކީ އެމަނިކުފާނު ރަހީނު ކޮށްގެން ގެންގުޅޭ ދުވަސްތަކެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

މިއަދު ހެނދުނު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރައީސް ނަޝީދު ރަހީނު ކޮށްގެން ގެންގުޅޭހާ ހިނދަކު އެމްޑީޕީގެ ހަރަކާތްތައް ހުއްޓާ ނުލާނެ ކަމަށެވެ. އޭނާ ވިދާޅުވީ 192 ގައުމެއް ތަމްސީލު ކުރަމުން އަންނަ އދ.ގެ ގުނަވަނަކުން ރައީސް ނަޝީދުގެ ހުކުމާ ދެކޮޅަށް އަޑު އުފުލުމުން ވެސް މިއަދުގެ ސަރުކާރަށް އެ އަޑު އިވިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ އަޑު ސަރުކާރަށް އިއްވުމަށް ޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއް އެމްޑީޕީން ކުރަމުން އަންނާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިތުރުން ބައިނަލްއަގުވާމީ ކޮމިޓީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކެއް އެބައޮތް ކަމަށެވެ. އަދި އެ މުއާހަދާތަކުގައި ވަކިވަކި ކަންތައްތަކެއް ދިވެހި ރައްޔިތުންނަށް މަގުފަހި ކޮށްދޭނެ ކަމަށް ރާއްޖެ އިން އެއްބަސްވެފައިވާ ކަމަށް ތަސްމީނުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މި މަހުގެ ނުވަ ވަނަ ދުވަހު އެމްޑީޕީން އަނެއްކާ ވެސް ބޮޑު މުޒާހަރާއެއް ބާއްވާނެ ކަަމަށް އެޕާޓީން މިއަދު ވަނީ އިއުލާނު ކޮށްފައި -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"އދ. ގެ ވާކިން ގުރޫޕުން ބުނެފައި ވަނީ ރާއްޖެ އިން އެއްބަސްވެފައިވާ ގޮތަށް ރާއްޖޭގެ ރައްޔިތުންނަށް އެ ހައްގުތައް މިއަދުގެ ސަރުކާރުން ހޯދައި ނުދޭ ކަމަށް. ވާކިން ގުރޫޕުން އެ ނިންމެވީ އެ އުސޫލުތަކާ ހިލާފަށޭ ރައީސް ނަޝީދު ހައްޔަރު ކޮށްފައި އެވަނީ،" ތަސްމީނު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މީގެ ދެ ތިން އަހަރު ކުރިން ސަރުކާރު ބަދަލުވުމާ ގުޅިގެން ނެރުނު ކޯނި ރިޕޯޓަކީ ވެސް ރާއްޖޭގެ ގިނަ ބަޔަކު އެ ރިޕޯޓަކާ މެދު ހިތްހަމަނުޖެހުން ފާޅު ކުރި ރިޕޯޓެއް ކަމަށެވެ. އެހެންނަމަވެސް ކޯނީ ރިޕޯޓަށް ތާއީދުކޮށް އެ ނިންމުން ގަބޫލު ކުރާނެ ކަމަށް މާ ކުރިން ވެސް އެއްބަސްވެފައި ވާތީ އެ ރިޕޯޓުގައި ހުރި ކަންކަން ހިތްހަމަނުޖެހުނަސް ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރި ކަމަށެވެ.

އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު ވިދާޅުވީ އެމްޑީޕީގެ މަގުމަތި ހަރަކާތް އަނެއްކާ ވެސް އިތުރުވާނެ ކަމަށެވެ. އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހު އަނެއްކާ ވެސް ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.