ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަނގުލަދޭޝް މީހަކު ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝާހް ޖާހަންގެ ގާނޫނީ ވަކީލު ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އަންގާރަ ދުވަހު އެ ކޯޓުން ކުރި ހުކުމްގައި ވަނީ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި އިމިގްރޭޝަންގެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު، އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބަންދުގއި ބަހައްޓަންޖެހޭފަދަ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

އިމިގްރޭޝަނުން ޝަރީއަތުގައި ދެއްކި ވާހަކަތަކަށް ބަލާއިރު ޝާހް ޖާހަންގެ މައްޗަށް ކުރަނީ ޖިނާއީ ކުށެއްގެ ތުހުމަތުކަން އެނގެން އޮންނަ ކަމަށާއި އެހެންކަމުން އޭނާ ބަންދުކުރުމަށް ފަހު އަމަލުކުރަން ޖެހޭނީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އޭނާ ބަންދުކުރުމަށް ފަހު އަމަލުކޮށްފައި ވަނީވެސް ގާނޫނު އަސާސީގެ 46 ވަނަ މާއްދާ އާއި 48 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ގަވާއިދާ ޚިލާފަށް ބޭރުފައިސާ ވިއްކާ ކަމުގެ ތުހުމަތުގައި ޝާހު ޖާހަން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު އެވެ.