01 Oct 2015, 13:28
މާލެ އިން ފުރައިގެން މާމިގިއްޔަށް ދަތުރު ކުރަނިކޮށް މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ އަޑިއަށް ދިޔަ އދ. މާމިގިލީ "ސަން" ފެރީ އޮތް ތަނަށް ފީނައިގެން 4،600 ޑޮލަރާއި 50،000 ރުފިޔާ ނަގައިފި އެވެ.
މާލެ އަތޮޅު ހުޅަނގުކޮޅު، ރަންނާޅި ކައިރިއަށް އަޑިޔަށް ދިޔަ ފެރީގައި ހުރި އެ ފައިސާތައް ނަގައި ދިނީ އދ. ދިގުރަށު ބުޓިކް ބީޗް ގެސްޓް ހައުސްގެ ޑައިވަރުންނާއި އެ ރަށު އައިލެންޑް ޑައިވާސްގެ ޑައިވަރުން ފީނައިގެންނެވެ.
ބުޓިކް ބީޗް ގެސްޓް ހައުސްގެ މެނޭޖަރު ހުސެން ފަޔާޒް މިއަދު ސަން އަށް ވިދާޅުވީ ގާތްގަނޑަކަށް 40 މީޓަރު އަޑީގައި އޮތް ފެރީ ކައިރިއަށް ޑައިވަރުންތަކެއް ފީނީ، އެ ދޯނީގެ ވެރިންގެ ހުއްދައާ އެކު އަދި އެ ގެސްޓް ހައުސް އަށް ގެންދިޔަ ޑޮލަރުތަކެއް އެ ބޯޓުގައި ހުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ޑައިވަރުން ފުރަތަމަ ފީނީ އިއްޔެ ނޫން އަނެއް ދުވަހު ކަމަށެވެ. އަދި އެ ދުވަހު ފެރީ ބޯޓުގެ ކެމެރާގޭގައި ހުރި ލާރި ރައްކާ ކުރާ ދަގަނޑު ލޮކަރު ނަގާފައިވާ ކަމަށާއި އެއޭގެ ތެރޭގައި އޮތް ސިޓީއުރައަކުން ދިގުރަށުގެ އެހެން ގެސްޓް ހައުސް އަކަށް ގެންދިޔަ 50،000 ރުފިޔާ ވެސް ނަގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ދުވަހުގެ ޑައިވުން އެ ބޭފުޅުންގެ ޑޮލަރު ނުނެގުމުން ދެ ވަނަ ފީނުމެއް ފީނީ އިއްޔެ ކަމަށާއި އިއްޔެ އެ ބޭފުޅުންގެ 4،600 ޑޮލަރު ނަގާފައިވާ ކަމަށެވެ. އަދި އެ ފައިސާ ހަމައަށް އެ ބޭފުޅުންނަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަޔާޒު ވިދާޅުވީ ފައިސާ ތެމިފައި ހުރުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބޭފުޅުންގެ ޓީމުން ފީނައިގެން ނެގި ތަކެތީގެ ތެރޭގައި އެ ފެރީގެ ރަޖިސްޓްރީ އާއި ކައްޕިގެ ލައިންސަންސާއި އަދި އޭނާގެ ޕާސްޕޯޓް ފަދަ މުހިއްމު ލިއުންތައް ވެސް ނަގައި ފެރީގެ ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފަޔާޒު ވިދާޅުވީ އެ ބޭފުޅުންގެ ޑޮލަރުގެ އިތުރަށް ނެގި ފައިސާ ހަވާލު ކުރީ ފެރީގެ އޮޑިވެރިންނާ ކަމަށެވެ.
މާމިގިލީ "ސަން" ފެރީ އަކީ އެ ރަށު ހަތަރު މީހެއްގެ ފެރީއެކެވެ. އެތަނުން އެއް އޮޑިވެރިޔަކު މިއަދު ސަން އަށް ވިދާޅުވީ ފެރީން އިން ނެގި ފައިސާ އާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އަދި ނެގުނު ޖުމްލަ އަދަދު ވެސް އަދި ނުބަލާ ކަމަށާއި އެ ފައިސާ ނެގި ގޮތަށް ހުރީ ކަމަށެވެ.
އަޑިއަށް ފީފާ ފައްތައިގެން ފެރީ ނެގުމުގެ މަސައްކަތް މިއަދު ވެސް ކުރަމުން އަންނަ ކަމަށް އެ ފެރީ ބޯޓުގެ ވެރިން މިއަދު ސަން އަށް ބުންޏެވެ. ނަމަވެސް ބުނީ ޑައިވަރުން މަދުކަމުން އިތުރު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ފީފާތަކަށް އެެހެރީ ކޮންމެ ވެސް ވަރަކަށް ވައި ޖަހާފައި، އެހެން ނަމަވެސް ހުރިހާ ފީފާތަކަށް އެއްފަހަރާ ވައިޖަހަން އިތުރު ޑައިވަރުން އެބަ ބޭނުންވޭ. އެ މަސައްކަތް ކުރަމުން މި ދަނީ." އެ ބޯޓުގެ އެއް އޮޑިވެރިޔަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓު ނެގުމަށް ފީފާ އަށް ލޮނު އެޅުމަށް ފަހު ފުރަތަމަ ފައްތައި ބޯޓުގައި އައްސަނީ ކަމަށާއި އަދި ފަހުން ވައިފުޅިން ވައި ދޫކޮށް ފީފާތަކުން ފެން ހުސްކޮށްލަނީ ކަމަށެވެ. އެ ބޯޓު ނެގުމަށް ވަނީ 40 ވަރަކަށް ފީފާ ފައްތައިފަ އެވެ.