މެރިޓައިމް ސެކިއުރިޓީ ޕޮލިސީ ކޯޑިނޭޓިން ކޮމިޓީ އެއް އެކުލަވާލައްވައި، އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އޮފީހުން، އެ ކޮމިޓީ މި އުފެއްދެވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ޤައުމީ ސަލާމަތީ އޮނިގަނޑުގެ ތެރެއިން މެރިޓައިމް ސެކިއުރިޓީއާބެހޭ ސިޔާސަތެއް އެކުލަވާލައި އެ ސިޔާސަތުގެ އަލީގައި ސްޓްރެޓެޖީތަކެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަންކަން ހިންގެވުމަށެވެ.

މެރިޓައިމް ސެކިއުރިޓީ ޕޮލިސީ ކޯޑިނޭޓިން ކޮމިޓީއަކީ 15 ދާއިރާއަކުން ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވާ ގޮތަށް އުފެއްދެވި ކޮމިޓީއެކެވެ.

މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި މެރިޓައިމް ޑޮމެއިން އެވެއާނެސް އެކުލަވާލުމަށްޓަކައި ތައްޔާރުކުރެވިފައިވާ ސްޓްރެޓަޖީއާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅައި ކޮމިޓީގެ މަސައްކަތާބެހޭ ގޮތުން މަޝްވަރާ ކުރި އެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި، މެރިޓައިމް ސެކިއުރިޓީއާ ގުޅޭގޮތުން ހިންގާ ހޭލުން ތެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، އެކްޝަން ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އޭގައި ހިމެނޭނީ، މެރިޓައިމް ޑޮމެއިން އެވެއާނެސް އާއި، ކަނޑުމަތީގެ ސަލާމަތާބެހޭ މަޢްލޫމާތުގެ އޮނިގަނޑާއި، ރާއްޖޭގެ އެތެރޭގެ ނުރައްކާތައް ދެނެގަތުމާއި، ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުން ފަދަ ކަންކަމެވެ. ރައީސް އޮފީހުން ބުނީ އެކްޝަން ޕްލޭން ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ޤާއިމް ކުރަން ރައީސް ވިދާޅުވެފައިވާތީ އެކަމުގެ ތައްޔާރީތައް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ފަށާފައިވާ ކަމަށެވެ.

"މެރިޓައިމް ސެކިއުރިޓީ ޕޮލިސީ ކޯޑިނޭޓިން ކޮމިޓީގައި ހިމެނެނީ ފިޝަރީޒާއި ހޯމް މިނިސްޓްރީއާ ހައުސިން މިނިސްޓްރީއާ ޓޫރިޒަމާއި ހެލްތާއި އިކޮނޮމިކް މިނިސްޓްރީ އާއި ހާރިޖިއްޔާ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ބަންޑާރަ ނައިބު އޮފީހާއި އިމިގްރޭޝަނާއި ކަސްޓަމާއި ޕޯޓްސް ލިމިޓެޑާއި، ގައުމީ ދިފާއި ބާރާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސް އާއި ސިވިލް އޭވިއޭޝަނެވެ.