01 Oct 2015, 12:41
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ޔްނައިޓެޑް ނޭޝަންސް( ޔޫއެން)ގެ މެމްބަރަކަށް ވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް އެމެރިކާގެ ނިއުޔޯކްގައި ހުންނަ ޔޫއެންގެ ހެޑްކުއާޓަރުގައި ހަފްލާއެއް ބާއްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެހަފްލާގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ މިނިސްޓަރުންނާއި ސަފީރުންނާއި ނިއުޔޯކްގައި ތިބޭ ދިވެހިން ބައިވެރިވި ކަމަށެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖޭން ޔޫއެންގައި ބައިވެރިވީ އެ ޖަމާއަތުން ލިބިދޭ ހަމަހަމަ ކަމާއި ގާނޫނީ ހައިސިއްޔަތު ރާއްޖޭން ގަބޫލުކުރާތީ ކަމަށެވެ. ހަފްލާއަށް ވަޑައިގެންނެވި ދުނިޔޭގެ ގައުމުތަކުގެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ އެބޭފުޅުން އެ ހަފުލާގައި ބައިވެރި ވެވަޑައިގެންނެވުމުން ދައްކުވައި ދެނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އަށް އޮތް ތާއީދު ކަމަށެވެ.
ރާއްޖޭގެ ސަގާފަތާއި ތާރީހާއި ގައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި ރާއްޖޭން ހޯދާފައިވާ ކާމިޔާބީތައް ދައްކުވައިދޭ ފޮޓޯ ގެލެރީއެއް އެ ހަފްލާގައި ބަހައްޓާފައިވެ އެވެ. އަދި ރާއްޖޭގެ އަތްތެރި މަސައްކަތް ދައްކުވައިދޭ ބޫތެއް ވެސް އެހަފްލާގައި ބަހައްޓާފައި ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.