01 Oct 2015, 11:47
ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އާ ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ދުންޔާ ބާންކީ މޫންއާ ބައްދަލުކުރެއްވީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ކަމަށެވެ.
ރާއްޖޭގެ ތަރައްގީއަށް ޔޫއެން އިން ވެދީފައިވާ އެހީތައް އެ ބައްދަލުވުމުގައި ދުންޔާ ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގައި ތިބޭ ޔޫއެންގެ ޓީމާއި ސަރުކާރާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަން ވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.
'ޕޯސްޓް 2015 ޑިވެލޮޕްމެންޓް އެޖެންޑާ (2015 ވަނަ އަހަރަށް ފަހު ދުނިޔޭގެ ގައުމުތަކުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ތަރައްގީގެ އެޖެންޑާ) އެކުލަވައިލުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ރާއްޖޭން އަދާކޮށްފައިވާ ދައުރަށް ޓަކައި ބާންކީ މޫން ދުންޔާއަށް މަރުހަބާ ވިދާޅުވިއެވެ.
ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިއަހަރު ފަހުކޮޅު ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ ބައްދަލުވުމުގައި ބާރު ހުރި މުއާހަދާއެއް އެކުލަވައިލުމަށް ބާން ގޮވައިލައްވަމުން ގެންދަވާ ގޮވައިލެއްވުން ކުރިއަށް ގެންދެވުމަށް ބައްދަލުވުމުގައި ދުންޔާ އެދިވަޑައިގެންނެވިއެވެ.
ބާންކީ މޫންއާއި އެކު ދުންޔާ ބޭއްވެވި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރާއި ޔޫއެންއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު ޢަހުމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.