މާލެ އިން 1102 އަކަފޫޓްގެ ބިމެއް ވިއްކާލުމުން ދައުލަތަށް ޓެކްސްގެ ގޮތުގައި 15 ލާރި ލިބިއްޖެ އެވެ.

ޓެކްސްގެ ގޮތުގައި ދައުލަތަށް 15 ލާރި ލިބިފައި ވަނީ، އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން މ. ލާލްޕޫލްގޭ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތް އެއް ރުފިޔާގެ އަގަކަށް ގަތުމުންނެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު، މ. ލާލްޕޫލްގެ އިމާރާތާއި ގޯތި ވިއްކުމަށް، މ. ޕިންކު ފްލާވަރ، ހުސައިން މުހައްމަދުފުޅު، ސިވިލްކޯޓަށް ހުށަހެޅި މައްސަލަ ސިވިލްކޯޓުން އިއްޔެ ވަނީ، ސައްހަ ވިޔަފާރިއެއް ކަމަށް ބަލައި ހުކުމް ކޮށްފަ އެވެ.

އެގޮތުން، އެބިމުގެ އަގު (އެއް ރުފިޔާ) އިން ދައުލަތަށް ދައްކަން ޖެހޭ، 15 ޕަސެންޓް ޓެކުހަށްވާ 15 ލާރި، ސަރުކާރަށް ދެއްކުމުން އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބަލައިގެންފައި ވާކަން އެ އޮތޯރިޓީގެ ފައިސާގެ ރަސީދުން އެނގެން އޮތްކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

އަދި އެ މައްސަލައިގައި ހުށަހެޅިފައިވާ ބަޔާންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބެލުމަށް ފަހު، މ. ޕިންކު ފްލާވަރ، ހުސައިން މުހައްމަދުފުޅުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. ލާލްޕޫލްގެ ކިޔާ 1102 އަކަފޫޓުގެ އަމިއްލަ ބިމާއި އެ ބިމުގައިވާ ނުއުފުލޭ އެންމެހައި މުދާ، އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓްއާސް ޕްރައިވެޓް ލިމިޓެޑަށް އެއް ރުފިޔާއަށް ވިއްކުމުން އެ ކުންފުނިން އެ ވިޔަފާރީގެ އަގު ދައްކައި ނިންމާފައިވާތީ އެ ވިޔަފާރި ސައްހަކަމަށް ނިންމާފައި ވާ ކަމަށް ސިވިލް ކޯޓުން އެ މައްސަލައިގައި އިއްވި ހުކުމުގައި ވެއެވެ.

ގާނޫނުގައިވާ ގޮތުން ބިމެއް ވިއްކާލައިފި ނަމަ، ބިމުގެ އަގުގެ 15 ޕަސެންޓް ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހެއެވެ.

މާލޭގެ ބިމުގެ އަގުތައް، އާންމުގޮތެއްގައި ކޮންމެ އަކަ ފޫޓަކަށް 7000 ރުފިޔާއާއި 7500 ރުފިޔާއާ ދެމެދުގެ އަގެއް ޖެހެ އެވެ.