01 Oct 2015, 11:25
ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މަސައްކަތް މިހާރަށް ވުރެ ބާރަށް ކުރިއަށް ދާން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ސާކް ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، ސާކްގެ މުހިއްމުކަން ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށެވެ.
"...ގޮންޖެހުންތަކެއް ހުރި ނަމަވެސް އަޅުގަނޑުމެން ގޮސްފައި ވަނީ ކުރިއަށް. ނަމަވެސް އަޅުގަނޑުމެން ވަނީ އަޅުގަނޑުމެން ކަނޑައެޅި ލަނޑުދަނޑިތަކާއި އުއްމީދު ތަކާ ވަރަށް ދުރުގައި. މިހާރަށް ވުރެ މާ ބާރު ސްޕީޑެއްގައި އަޅުގަނޑުމެން ކުރިއަށްދާން ބޭނުން،" ދުންޔާ ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ސާކް އިސްލާހު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތްތަކަށް ރާއްޖޭން ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. ސާކް އެންވަޔަރްމެންޓް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ގާއިމްކުރާނެ ގައުމެއް ވަރަށް އަވަހަށް ކަނޑައެޅިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ދުންޔާ ވިދާޅުވިއެވެ.
މިނިސްޓަރުގެ ތަގުރީރުގައި ސާކްގެ ގިނަ ކަންތައްތަކަކާއި ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައި ވެއެއެވެ.