ނޯދަން ހެލްތު ސާވިސް ކޯޕަރޭޝަނަށް ބަދަލުކުރި ސިވިލް ސާވިސްގެ މުވައްޒިފުންނާ މެދު، އެ ކޯޕަރޭޝަނުން އަމަލު ކުރަމުން ދަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ، މި މަހު 31ގެ ކުރިން އެކަން ރަނގަޅު ކުރުމަށް އަންގައި، 67 މުވައްޒިފަކު ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ސަން އަށް ކޮޕީ ލިބިފައިވާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ، ނޯދަން ހެލްތު ސާވިސް ކޯޕަރޭޝަންގެ ދަށަށް ގޮސްފައިވާ، ހަތަރު އަތޮޅުގެ ސިއްހީ އިދާރާތަކުގައި މަސައްކަތް ކުރި ސިވިލް ސާވިސް މުވައްޒިފުން، ސިވިލް ސާވިސް ވަޒީފާ ދޫކޮށްލައި އެ ކޯޕަރޭޝަންގައި މަސައްކަތް ކުރުމަށް އެއްބަސްވީ އެ މުވައްޒިފުންނާ މެދު އަމަލު ކުރާނީ ސިވިލް ސާވިސްގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ބުނެ އެކަމުގެ ޔަގީންކަން، ހެލްތު މިނިސްޓްރީންނާއި އެ ކޯޕަރޭޝަނުން ލިޔުމުން ދިނުމުން ކަމަށެވެ. ނަމަވެސް ދެ ފަރާތް ވެފައިވާ އެއްބަސްވުމާ އެ ކޯޕަރޭޝަނުން ހިލާފުވެފައިވާ ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ. އަދި މުވައްޒިފުންނާ އެކު ކޯޕަރޭޝަނުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މި މަހު 31ގެ ކުރިން އަމަލު ނުކޮށްފި ނަމަ މުވައްޒިފުން އަމަލުކުރަން ކަނޑައަޅާފައިވާ ގޮތް ވެސް އެ ޕެޓިޝަންގައި ވަނީ ހިމަނައިފަ އެވެ.

"އަޅުގަނޑުމެންނަށް މި ދެންނެވި ކަންތައް ނުކޮށްދެއްވައިފި ނަމަ އަޅުގަނޑުމެން ވެސް ވަޒީފާ އަދާރަމުން ގެންދާނީ، ތިރީގައިމިވާ ފަދައިން. ހަމައެކަނި ރަސްމީ ޑިއުޓީ އަދާކުރުން. އެ މުވައްޒިފަކު ރަސްމީ ގޮތުން ކުރަން ޖެހޭ މަސައްކަތް ފިޔަވައި އެހެންމަސައްކަތެއް ނުކުރުން. އެއްވެސް އިތުރު ގަޑިއަކަށް އެއްވެސް އިތުރު މަސައްކަތަކަށް ނުނިކުތުން. އަދި ރަސްމީ ގަޑީގައި ވެސް އެހެން މުވައްޒިފަކު އަދާކުރަން ޖެހޭ އެއްވެސް ޒިންމާއެއް އަދާނުކުރުން (މިސާލަކަށް ރިސެޕްޝަނިސްޓަކު ތަރުޖަމާކުރަން ޑޮކްޓަރުގެ ކޮޓަރިއަށް ނުވަނުމާއި ހޮސްޕިޓަލްގެ ހިދުމަތުގެ އަގުގެ ގޮތުގައި ނެގޭ އެއްވެސް ފައިސާއަކާ ހަވާލު ނުވުން. މަސައްކަތު މީހުން، އެޓެންޑެންޓުން ކުރަން ޖެހޭ، ވޯޑާއި ލެބޯޓްރީ ފަދަ ތަންތަނުގެ މަސައްކަތަށް ނުނިކުތުން" ޕެޓިޝަންގައި ވެ އެވެ.

އެ ޕެޓިޝަންގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވެ ވަޑައިގެންނެވި، ޅ. ނައިފަރު ހޮސްޕިޓަލްގެ ޑރ. މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ، ސިވިލް ސާވިސްގެ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ކޯޕަރޭޝަނުން ބުނި ނަމަވެސް އެފަރާތުން އެގޮތަށް އަމަލު ކުރަމުން ނުދާނީ އެތައް މުވައްޒިފުންނެއްގެ ހައްގުތައް ހޯދުމަށް އެ ޕެޓިޝަން ހުށަހެޅުއްވީ ކަމަށެވެ. އަދި ކޯޕަރޭޝަނުން ގެނައި ބަދަލުގެ ސަބަބުން މުވައްޒިފުންނަށް ލިބެމުންއައި އެތައް އެލަވަންސްތަކެއް އުނިވެގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހަފްތާގެ ބަންދު ދުވަހަކީ ހަމައެކަނި ހުކުރު ދުވަސް ކަމަށް ހަމަޖެއްސުން ވެސް ޑރ. ފައިސަލް ފާހަގަ ކުރެއްވި އެވެ.