01 Oct 2015, 11:30
މުސާރަ ނުދޭތީ ކަމަށް ބުނެ ބިދޭސީ މުވައްޒަފުން އިއްޔެ ކުރީ މުޒާހަރާއެއް ނޫން ކަމަށް އެ ބިދޭސީ މުވައްޒަފުންތައް ގެންގުޅެމުން އަންނަ ހޮޓަލް އެންޑު ރިސޯޓްސް ކޮމްޕެނީން ބުނެފި އެވެ.
އެކުންފުނީގެ އައިޓީ މެނޭޖަރު އަދި މީޑިއާ ކޯޑިނޭޓަރު އަހުމަދު ވިޝާމު މިއަދު "ސަން" އަށް ވިދާޅުވީ އެކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތާ ތިން މަސްވެފައިވާ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެ ކުންފުންޏަކީ ދުހަކުވެސް އެފަދަ ގޮތަކަށް މުސާރަ ނުދީ ބަހައްޓާ ކުންފުންޏެއް ނޫން ކަމަށެވެ.
"އަސްލު އިއްޔެގައި މިވީ ގޮތަކީ މުވައްޒަފުން އެމީހުންގެ މުސާރައާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އައުމުން އެވަގުތު އަޅުގަނޑުމެންގެ އޮފީސް ކުރިމަތީގައި ކަމާނުބެހޭ ބައެއް ފަރާތްތަކުން އެމީހުންނަށް ހިތްވަރުދީ އެމީހުން ބިރުގެންނެވުމުގެ ގޮތުން ބައެއް ކަހަލަ ވާހަކަތައް ދެއްކީ. އެހެން ދެއްކީމާ އިތުރު މަސައްކަތު މީހުން އައިސް އެމީހުންނާ ގުޅުނީ،" ވިޝާމް ވިދާޅުވި އެވެ.
ވިޝާމު ވިދާޅުވީ އެކުންފުނީގެ މުވައްޒަފުން އިއްޔެ ކުރަމުން ދިޔައީ އެއްވެސް ހާލެއްގައި މުޒާހަރާއެއް ނޫން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެ ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަނީ ކަމަށް ބުނެ ނަގާފައިވާ ފޮޓޯތަކަކީ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖައްސާފައިވާ ތަނަށް ދިއުމުގެ މަގުމަތީގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ދުވަހަކު ވެސް މީހަކަށް މުސާރަ ނުދީ މިހާތަނަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް އަދި ޑިޕާޓްމަންޓު އޮފް އިމިގްރޭޝަނުގައި ވެސް އެއްވެސް މައްސަލައެއް އޮންނަ ކުންފުންޏެއް ނޫން. އަޅުގަނޑުމެންނަކީ މުވައްޒަފުންގެ ހެލްތު އެންޑު ސޭފުޓީ ވަރަށް ބޮޑަށް ބަލާ އަދި އިތުރު އެލަވަންސުތަކާއި އޯވަޓައިމް ދެމުން ގެންދާ ކުންފުންޏެއް." ވިޝާމް ވިދާޅިުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މުވައްޒަފުންތަކެއް އިއްޔެ ކުރި މުޒާހަރާއެއް ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ވޯކު ވިސާގައި އައިސް ތިބޭ ބިދޭސީންނަށް މުޒާހަރާ ކުރުމަކީ މަނާ ކަމެއް ކަމަށެވެ.