ރެއާލެ މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކެރިއައަރުގައި ކާމިޔާބު ކުރި 500 ވަނަ ގޯލާ އެކު ރެއާލް މެޑްރިޑް ރޭ ޗެމްޕިއަންސް ލީގް ގުރޫޕް ސުޓޭޖްގައި ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބު ކޮށްފިއެވެ.

މަލްމޯ އެފްއެފްގެ ދަނޑުގައި ރޭ ކުޅުނު މެޗް ރެއާލްއިން ކާމިޔާބު ކުރީ ފޯވާޑް ރޮނާލްޑޯ ކާމިޔާބު ކޮށްދިންދެ ގޯލްއިން 0-2 ގެ ނަތީޖާއަކުން ނެވެ. އެ ދެ ގޯލާއި އެކު ރޮނާލްޑޯ ވަނީ ޖުމްލަ 501 ގޯލް ކާމިޔާބު ކޮށްފައެވެ.

ރޮނާލްޑޯ ވަނީ ޕެލޭއާއި، ފްރޭންކް ޕުސްކަސްއާއި، ގާޑް މުލާއާއި، އަދި އަލްފްރެޑޯ ދި ސުޓެފަނޯ ފަދަ ކުޅުންތެރިންނާއި އެކު 500 ލަނޑު ހަމަކުރި ކުޅުންތެރިންގެ ތެރެއިން ޖާގަ ހޯދާފައެވެ. ރޮނާލްޑޯވަނީ އޭނާ ފުރަތަމަ ކުޅުނު ކުލަބް ކަމަށްވާ ސްޕޯޓިން އެފްސީ އަށް ފަސް ގޯލް، މެންޗެސްޓާ ޔުނައިޓަޑް އަށް 118 ގޯލް، ޕޯޗްގަލް އަށް 55 ގޯލް އަދި މިހާރު ކުޅެމުން އަންނަ ރެއާލް މެޑްރިޑް އަށް 323 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ޕޯޗްގަލްގެ ފޯވާޑް ރޮނާލްޑޯ، ދިހަ ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބް ކޮށްފައިވާ ރެއާލް މެޑްރިޑާ 2009 ވަނަ އަހަރު ގުޅުނީ އޭރުގެ ދުނިޔޭގެ ރިކޯޑް ފީ އެއް ކަމަށްވާ 84 މިލިޔަން ޕައުންޑަށެވެ. އަދި މިހާރު ރޮނާލްޑޯ ވަނީ ރެއާލް އަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިން ކުރީގެ ރެއާލްގެ ކެޕްޓަން ރައުލް ގޮންޒާލެސްގެ ރިކޯޑާއި އަރާހަމަ ކޮށްފައެވެ. ރައުލް ވަނީ ރެއާލަށް 323 ލަނޑު ޖަހައިދީފަ އެވެ.

ރެއާލްއާއެކު އެއް ގްރޫޕެއްގައި އޮތް، ފްރާންސްގެ ޕީއެސްޖީ ވަނީ ރޭ ޝަކްތާ ޑޮނެޓްސްކްގެ މައްޗަށް ފަސޭހަކަމާއެކު، 0-3 ގެ ނަތީޖާއިން ކުރި ހޯދައިފައެވެ.

ޝަކްތާގެ ދަނޑުގައި ކުޅުނު މި މެޗުގައި، ޕީއެސްޖީގެ ގޯލުތަށް ކާމިޔާބުކޮށްދިނީ އައުރިއޭ އާއި ޑޭވިޑް ލުއިޒްގެ އިތުރުން، ޒްލަޓާން އިބްރަހިމޮވިޗްއެވެ.

މި ނަތީޖާތަކާއެކު، ރެއާލް އަދި ޕީއެސްޖީއަށް ވެސް 6 ޕޮއިންޓް މިހާތަނަށް ކުޅުނު ދެ މެޗުން ވަނީ ލިބިފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ގްރޫޕް އޭގެ އެއްވަނަ ލިބެނީ ރެއާލްއަށެވެ. ޝަކްތާ އަދި މަލްމޯއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.