01 Oct 2015, 11:34
ގެރި މަސް ރައްކާކޮށްގެން ކެއި ކަމަށް ބުނެ އިންޑިއާގެ ސިޓީއެއް ކަމަށްވާ ދަދްރީގެ ގެއަކަށް ބަޔަކު ވަދެ އުމުރުން 50 އަހަރުގެ މުހައްމަދު އަޚްލާގާއި އޭނާގެ ދަރިއަށް އަނިޔާ ކުރުމަށް ފަހު އަޚްލާގު މަރާލައިފި އެވެ.
"އިންޑިއަން އެކްސްޕްރެސް" އިން ބުނެފައި ވަނީ އަޚްލާގަށް އަނިޔާކުރުމަށް ފަހު މަރާލާފައިވާއިރު އޭނާގެ 22 އަހަރުގެ ފިރިހެން ދަރިއަށް ވެސް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ، އަޚްލާގުގެ ފިރިހެން ދަރި ދާނިޝްގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް ނޮއިޑާގެ ސަރުކާރު ހޮސްޕިޓަލަކުން ފަރުވާ ދެމުން އަންނަ ކަމަށެވެ.
"އަހަރެންގެ ބޭބެއާއި ބައްޕަގެ ކޮޓަރިއަށް އެމީހުން ދިޔައީ. އެނދު ތަންދޮށުގައި ހުރި އެޅިގާތަކެއް ނެގުމަށް ފަހު އަނިޔާކުރި. އެއަށް ފަހު އަހަރެންގެ ބައްޕަ ގައިގައި ތަޅަމުން ބޭރަށް ގެންދިޔައީ،" އަޚްލާގުގެ އުމުރުން 18 އަހަރުގެ އަންހެން ދަރިފުޅު ސާޖިދާ ބުންޏެވެ.
ސާޖިދާ ބުނީ، ގެއަށް ވަން މީހުން ވަނީ ފުލުހުންނަށް އަންގައިފި ނަމަ، މަރާލާނެ ކަމުގެ ބިރު ދައްކާފައި ކަމަށެވެ.
ހޯމަ ދުވަހުގެ ރޭގައި 10:30 އެހާކަންހާ އިރު އެ ހާދިސާ ހިނގުމަށް މެދުވެރިވީ ލޯކަލް ފައްޅިއަކަށް 10 މީހަކު ގޮސް އެ އާއިލާއިން ގެރި މަސް ކާކަމަށް ބުނުމުން ކަމަށް ސާޖިދާ ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހާދިސާ ހިނގި ރޭ ނޫން އަނެއް ދުވަހު ފުލުހުން ވަނީ ހަ މީހަކު ބިސާރާ ރެޒިޑެންޓްސް ސަރަހައްދުން ހައްޔަރުކޮށްފަ އެވެ.
އަޚްލާގާއި އޭނާގެ އާއިލާގެ މެމްބަރުންނަކީ މުސްލިމުންނެވެ. އެހެން ނަމަވެސް އެ އަވަށުގެ ގިނަ މީހުންނަކީ ހިންދޫންނެވެ. ހިންދޫންގެ ދީނީ ގަބޫލުކުރުމާ ގުޅިގެން އެމީހުންނެއް ގެރި މަހެއް ނުކައެވެ.
އިންޑިއާގެ އާބާދީގެ 1.3 ބިލިއަން މީހުންގެ ތެރެއިން 82 ޕަސެންޓް މީހުންނަކީ ހިންދޫންނެވެ. އޭގެ ތެރެއިން 140 މިލިއަން މީހުންނަކީ މުސްލިމުންނަށްވާއިރު 25 މިލިއަން މީހުންނަކީ ކްރިސްޓިއަނުންނެވެ.