01 Oct 2015, 10:29
މޮސްކޯ (އޮކްޓޯބަރ 1): ސޫރިޔާގައިވާ އައިއެސްގެ އަށް އަމާޒަކަށް ވިއްސަައްވުރެގިނަ ވައިގެ ހަމަލާތައް ދީފިކަން ރަޝިޔާ ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން ރަޝިޔާގެ ދިފާއީ ވުޒަރާގެ ތަރްޖަމާން އީގޯރު ކޮކަޝިންކޯފް ވިދާޅުވީ، ރަޝިޔާގެ އަމާޒަކީ ޓެރަރިޒަމް ބަލިކުރުންކަމަށާއި އައިއެސްއާ ދެކޮޅަށް ހަމަލާތައް ދޭންފެށީ އެ މަގްސަދުގައި ކަމުގައެވެ.
ކޮކަޝިންކޯފް ވިދާޅުވިގޮތުގައި ރަޝިޔާއިން މި ހަމަލާތައް ދީފައި މިވަނީ ވައިގެމަގުން ވަރަށް ރަނގަނޅަށް ބަލައި ތަންތަން ފާހަގަ ކުރުމަށްފަހު ފާހަގަކުރި ތަންތަނަށްކަމަށާއި އެތަންތަނަކީ އައިއެސް އިން ހަތިޔާރު ރައްކާކުރާ ގުދަންތަކާއި އަސްކަރީ ތަމްރީންތައް ދޭ މަރުކަޒުތައްކަމުގައެވެ.
ރަޝިޔާއިން ހަމަލާދިން ތަންތަނުގެ ބޮޑުބައެއް ހަލާކުވެފައިވާނެކަމަށްވެސް ކޮކަޝިންކޯފް ވިދާޅުވިއެވެ.
މިއީ އައިއެސްގެ އަމާޒުތަކަށް ރަޝިޔާއިން ދިން ވައިގެ ފުރަތަމަ ހަމަލާތަކެވެ. މިހަމަލާތައް ދިނުމުގެ ކުރިން ރަޝިޔާގެ ޑްރޯން ބޯޓުތަކުންވަނީ ސޫރިޔާގެ ވައިގެ ސަރަހައްދުގައި އުދުހި ޖާސޫސީގޮތުން މައްލޫމާތު ހޯދާފައެވެ. ރަޝިޔާގެ ހަމަލާތަކުގައި މަރުވީ ކޮންބައެއްކަން ސާފުވެފައެއް ނުވެއެވެ.
އަނެއްކޮޅުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ވަނީ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމަށްކަމަށްބުނެ ރަޝިޔާއިން ސޫރިޔާއަށް ދޭ ވައިގެ ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ސޫރިޔާގެ އިދިކޮޅު އެހެން ޖަމާއަތްތަކުގެ އަމާޒުތައް ހިމެނޭކަމުގެ ރިޕޯޓްތައް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.
ސްޓޯލްޓަންބާގް ވިދާޅުވީ، ރަޝިޔާއިން ސޫރިޔާއަށް ދޭ ވައިގެ ހަމަލާތައް އައިއެސްގެ އިތުރުން ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އެހެން ޖަމާއަތްތަކަށް އަމާޒު ކުރަމުން ގެންދާނަމަ އެއީ ބައްޝާރުގެ ސަރުކާރާއެކު ރަޝިޔާއިން ރާވައިގެން ބައްޝާރާ އިދިކޮޅު މެދުމިނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ދުވަސް ދުއްވާލުމަށް ހިންގާ އޮޕަރޭޝަނެއްކަމަށް ބެލުމުގެ ފުރްސަތު އޮތްކަމުގައެވެ.
އެމެރިކާ ވަނީ ރަޝިޔާއިން ސޫރިޔާއަށް ދޭ ވައިގެ ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ސޫރިޔާގެ އިދިކޮޅު އެހެން ޖަމާއަތްތަކުގެ އަމާޒުތައް ހިމެނޭކަމުގެ ރިޕޯޓްތަކުގެ ތެދުކަން ބަލަމުންގެންދާކަމަށް ބުނެފައެވެ.
ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ހުޅަނގުގެ ބާރުތައް ކުރީއްސުރެ ވަންނަމުން ދިޔަނަމަވެސް މިއީ އެހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ރަޝިޔާ ވަން ފުރަތަމަ ފަހަރެވެ. ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ އެއްބާރުކަމަށްވާ ރަޝިޔާ ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް އަސްކަރީ ގޮތުން ވަދެގަތުމަކީ ސޫރިޔާގެ ހަނގުރާމައިގެ އައު މަރްހަލާއެއްގެ ފެށުންކަމަށް މުހައްލިލުން ސިފަކުރެއެވެ. އެހެންކަމުން މިއީ މުޅި މެދުއިރުމައްޗަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެކަމެކެވެ.
ރަޝިޔާގެ ޕާލަމެންޓުންވަނީ ރަޝިޔާގެ އަސްކަރީ ބާރުތައް ސޫރިޔާއަށް ފޮނުވުމުގެ ބާރު ޕޫޓިންއަށް ލިބިދޭ ގަރާރެއް މިދިޔަ އަންގަރަ ދުވަހު ފާސްކޮށްފައެވެ. (ނޫސްއެޖެންސީތައް)