ބޭންކޮކްގެ ޝަރައިން ސަރަހައްދުގައި ބޮމެއް ގޮއްވާލައި އެތައް މީހަކު މަރާލި ހާދިސާ ހިންގުމުގައި ބައިވެރިވި ކަމަށް، އެ މައްސަލާގައި ހައްޔަރު ކުރި ބިދޭސީ މީހަކު ތަހުގީގުގައި އެއްބަސްވެފައިވާ ކަމަށް އޭނާގެ ވަކީލު ބުނެފި އެވެ.

އެ ހަމަލާދިން ބިދޭސީ މީހާގެ ގާނޫނީ ވަކީލު ޝުކޫޗާޓް ކަންޕީ އިއްޔެ ބުނީ، އޯގަސްޓް މަހު 17 ވަނަ ދުވަހު 20 މީހުން މަރުވި ހަމަލާ ދިން ކަމަށް އޭނާގެ މުވައްކިލް އިއުތިރާފުވެފައިވާ ކަމަށެވެ.

ޝުކޫޗާޓް އޭނާގެ މުވައްކިލާ ހަވާލާދީ ކުރިން ބުނަމުން އައީ އެ ހަމަލާދިން އިރު، އޭނާގެ މުވައްކިލް ބޭންކޮކްގައި ނެތް ކަމަށެވެ. ނަމަވެސް އޭނާގެ ކްލައިންޓް ނޫނީ މުވައްކިލާ ބުދަ ދުވަހު ބައްދަލު ކުރުމަށް ފަހު އޭނާގެ އެ ބަސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ބުނީ، އެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރި މީހަކީ، އެ ދުވަހު ސީސީޓީވީ އިން ދެއްކި، އަދި ބެކްޕެކް އަޅައިގެން ދިޔަ، ރީނދޫ ޓީޝާޓް ލީ މީހާކަން ފުލުހުންނަށް ޔަގީންވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އޭނާ ކުށަށް އިއުތިރާފުވުމުން، އަދި ކެމެރާ ފްޓޭޖާއި އައިވިޓްނަސްތަކުން ހައްޔަރުކޮށްފައި ވަނީ ރަނގަޅު މީހާކަން ފުލުހުންނަށް ޔަގީންވާ ކަމަށެވެ. ނަމަވެސް ޑީއެންއޭ އާ ހަވާލާދީ ކުރިން ފުލުހުން ބުނަމުން އައީ އެއީ އޭނާކަން މުޅިން ޔަގީން ނުވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މީހުން ގަބޫލު ކުރާ ގޮތުގައި އެ ހަމަލާދިން ދުވަހު އޭނާ ހުރީ ވިގެއް ޖަހައިގެން ކަމަށާއި އަދި އައިނުއަޅައިގެން ކަމަށާއި އެއީ ސިފަ އޮޅުވާލުމަށް ކުރި ކަމެއް ކަމަށެވެ.