01 Oct 2015, 11:38
އަހަރެމެންގެ ތެރެއިން އަބަދު ވެސް އިވެނީ ފަލަވެ ހެލިފެލިވެ އުޅުން އުނދަގޫ ވެގެން ހަށިގަނޑުގެ ބަރުދަން ލުއިކުރަން މީހުން ކުރާ ކަންތައްތަކުގެ ވާހަކަ އެވެ. "ފެޓް ބާން" ކުރަން އެމީހުން ކުރާ މަސައްކަތުގެ ވާހަކަ އެވެ. އެމީހުންވަ ގުރުބާނީގެ ވާހަކަ އެވެ. އެފަދަ މީހުންނަށް ހިތްވަރުދީ، އެމީހުންގެ ލަނޑުދަނޑި ހާސިލްކުރުވުމަށް އެތައް ލިޔުމެއް ނޫސްތަކުންނާއި ސޯޝަލް މީޑިއާތަކުން ފެނެ އެވެ.
ނަމަވެސް ފަލަވުމުގެ ސަބަބުން ހިކެން ބޭނުންވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ފަދައިން ހަށިގަނޑުގެ ބަރުދަން އިތުރުކުރަން ބޭނުންވާ މީހުން ވެސް ތިބެ އެވެ. އެފަދަ މީހުންނަކީ ފަލަވުމުން ހިކެން އުނދަގޫވެފައިވާ މީހުން ފަދައިން، ހަށިގަނޑު ހިކިކަމުން ފަލަކޮށްލަން ދަތިތަކެއް ކުރިމަތިވެފައިވާ މީހުންނެވެ. މިފަދަ މީހުންނަށް އެގޮތަށް ދިމާވަނީ އާދަޔާ ހިލާފަށް އެމީހުންގެ "މެޓަބޮލިކް ރޭޓް" އަވަސްވުމުންނެވެ.
މާބޮޑަށް ފަލަވެފައި ހުންނަ ހުރުމުން އިންސާނާއަށް ތަފާތު ނުރައްކާތައް ކުރިމަތިވެ އެވެ. ހެލިފެލިވެ އުޅެން އުނދަގޫވެ އެތައް ކަމަކަށް ތިމާމީހާ ކަންނެތް ކޮށްލައެވެ. ހަމަ އެފަދައިން މާބޮޑަށް ހިކިކޮށް ހުރެ ހަށިގަނޑުގެ ބަރުދަން މާ ލުއިވެއްޖެ ނަމަވެސް އެއިން އިންސާނާއަށް ކުރިމަތިވާ ނުރައްކާތައް ހުރެ އެވެ. ނަމަވެސް މިއީ މަދުން ނޫނީ ނުދެކެވޭ ވާހަކައެކެވެ. މި ލިޔުމުގައި މި ގެނެސްދެނީ އެފަދަ މީހުންނަށް ކެއުމުގައި ބޭނުންކުރެވިދާނެ ބައެއް ބާވަތްތަކެވެ.
ގެރިމަސް ނުވަތަ "ރެޑް މީޓް"

ރެޑް މީޓް އޭ އާންމުކޮށް ކިޔައި އުޅެނީ ގެރި މަހަށެވެ. ބީފްއޭ ކިޔަނީ ރަނގަޅަށް ރޯ ފިލުވާފައި ހުންނަ ގެރި މަހަށެވެ. ރެޑް މީޓް ހުންނާނީ ކެވޭވަރަށް ރޯ ފިލުވާލުމުން ވެސް ރަތް ކުލައެއްގަ އެވެ. ރެޑް މީޓް ތައްޔާރުކުރާ އިރު އެޔާ އެކު ބޮޑު ހަވާދުގަނޑެއް ލައިގެން ކައްކާލުމުގެ ބަދަލުގައި އެ ކުޑަކޮށް ފިހެލާށެވެ. މިސާލަކަށް ބާވެކިޔު ހަދާގޮތަށް ތައްޔާރުކޮށްލެވިދާނެ އެވެ. އެއާ އެކު ބަތްކޮޅެއް ކާލާށެވެ. މިއީ އަންހެނުންގެ އުރަމަތީ ކެންސަރަށް ވެސް ފަރުވާއެކެވެ.
ރޯކިރު

އާންމުކޮށް ބޮވެނީ ނުވަތަ ބޯހިތްވަނީ ކޮންމެވެސް ކަހަލަ ފްލޭވާއަކާ އެއްކޮށްފައި ހުންނަ ކިރު ޕެކެޓެކެވެ. ނަމަވެސް ރޯކިރު ނުވަތަ ހޯލް މިލްކް ނުވަތަ މިކިޔާ ފުލް ކްރީމް ކިއުޕެކެޓެއް ބޯލާށެވެ. ކޮންމެ ދުވަހަކު ހެނދުނު އެއީ މިގޮތަށް ކިރުތައްޓެއް ބޯލަން އެންމެ އެކަށީގެންވާ ގަޑިއެވެ. އޭގައި 60 ކެލޮރީސް ހިމެނޭ އިރު އޭގައި ގިނަ އަދަދަކަށް ކެލްސިއަމް، ފޮސްފޮރަސް، ޕޮޓޭސިއަމް، ފޮލޭޓް އަދި ވިޓަމިން އޭ އާއި ޑީ ހިމެނެ އެވެ. ކޮފީއަކާ އެއްކޮށްލައިގެން ވެސް މި ކިރު ބޭނުންކުރެވިދާނެ އެވެ.
ޕީނަޓް ބަޓަރު

ކޮންމެ ދުވަހަކު އެއްފަހަރު ނުވަތަ ގިނަވެގެން ތިން ފަހަރު ކެއުމުގައި ޕީނަޓް ބަޓަރު ބޭނުންކުރެވިދާނެ އެވެ. މިއަކީ އެކި ގޮތްގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އެއް މޭޒުމަތީ ސަމްސާގެ ޕީނަޓް ބަޓަރުގައި ހަތަރު ގްރާމު ޕްރޮޓީން ހިމެނެ އެވެ. އެހެންކަމުން މިސާލަކަށް ހެނދުނުގެ ސަޔަކަށް ބީނަޓް ބަޓަރު ޖަހާފައިވާ ޕާނަކާ އެކު ރޯކިރު ތައްޓެއް ބޯލެވިދާނެ އެވެ.
އާންމު ތަރުކާރީގެ ބާވަތްތައް

މިސާލަކަށް ފަޅޯ، ދޮންކެޔޮ، އަނބު، އެވަކޯޑާ، އަލަނާސި އަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އަދި މިނަރަލް ހިމެނޭ ތަކެއްޗެވެ. މިފަދަ ތަރުކާރީ ބޭނުންކުރަން އެންމެ އެކަށީގެންވާ ގޮތަކީ ކެއުމަށްފަހު ކޮށާލައިގެން ސްމޫތީއެއް ގޮތަށެވެ.
އަލުވި

އަލުވިގައި ހިމެނޭ ކާބޯ ހައިޑްރޭޓްސް އަކީ އެއިން ބަރުދަން އިތުރުކުރުމުގައި އެންމެ ބޮޑަށް އެހީތެރިވެދޭ އެއް މާއްދާ އެވެ. އަލުއްވަކީ ހިތުގެ ބަލިތަކާއި ކެންސަރަށް ވެސް ފަރުވާއެކެވެ. މި ބޭނުންކުރަން އެންމެ އެކަށީގެންވާ ގޮތަކީ ކުޑަކޮށް ފެނު ކައްކާލައިގެންނެވެ.
ވެޖިޓެބަލް އޮއިލް

ވެޖިޓެބަލް އޮއިލްގެ ގިނަ ބާވަތްތަކަކީ ސެލަޑެއް ތައްޔާރުކުރާ އިރު ބޭނުންކުރާ އެއްޗެކެވެ. އެންމެ ފައިދާ ހުރި ވެޖިޓެބަލް އޮއިލްއަކީ ވަލްނަޓް، ސަންފްލަވާ، ސީސޭމް، ކޮކޮނަޓް، ޕީނަޓް އަދި އޮލިވް އޮއިލް އެވެ.
ކޮންމެ ދުވަހެއްގެ ކެއުމުގައި މަދުވެގެން އެއް ފަހަރު މި ބާވަތްތައް ކެއުމުގައި ބޭނުންކުރާށެވެ. ހަށިގަނޑުގެ އަނަރޫފަކަން ފިލުވައިދީ ދުޅަހެޔޮ ސިއްހަތަކަށް ތިމާމީހާ ގެންގޮސްދޭނެ އެވެ. ބޭނުންވާ ހިސާބަށް ދިއުމުން އިތުރަށް ފަލަވިޔަ ނުދީ ކަސްރަތުތައް ކުރާށެވެ. ކަސްރަތަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމުގެ އެއް އަސްލެވެ.