ޔްނައިޓެޑް ނޭޝަންސް،އޭޕީ) ޔްނައިޓެޑް ނޭޝަންސް ( ޔޫއެން)ގެ ހެޑްކުއާޓަރުގައި ފުރަތަމަ ފަހަރަށް ފަސްތީނުގެ ދިދަ ނަގައިފިއެވެ. އެ "ދިދަ ދެން ނަގާނީ ފަލަސްތީނުގެ ދައުލަތުގެ ވެރިރަށް ގުދުސްގައި ކަމަށް" ވިދާޅުވަމުން ދިދަ ނެންގެވީ ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސް އެވެ.

ޔޫއެންގެ ރޯޒް ގާޑަންގައި ފަލަސްތީނުގެ ދިދަ ނަގާފައި. ފޮޓޯ: އޭޕީ

ޔޫއެންގެ ހެޑްކުއާޓަރުގައިވާ ރޯޒް ގާޑަންގައި ޖަހާފައި ހުރި ވަގުތީ ދިދަ ދަނޑިއަކަށް ފަލަސްތީނުގެ ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ޑިޕްލޮމޭޓުންނާއި ހެޔޮ އެދޭ އެހެން ފަރާތްތައް ހިމެނޭ ގޮތުން 300 މީހުން ބައިވެރިވި އެވެ. ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ ތެރޭގައި ރަޝާއާއި ސައުދީ އަރަބިއްޔާއާއި އީރާނުގެ ފޮރިން މިނިސްޓަރުން ހިމެނެ އެވެ. އަދި ފްރާންސާއި އެމެރިކާ ހިމެނޭ ގޮތުން ގިނަ ގައުމުތަކެއްގެ ސަފީރުން ބައިވެރިވި އެވެ. އެމެރިކާ އިން އެ ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ފަލަސްތީނުގެ ދައުލަތް ބަލައި ނުގަންނާނެ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ އެއީ ފަލަސްތީނުގެ މިނިވަން ކަމަށް ކުރާ މަސައްކަތުގައި އައި ތާރީހީ ވަގުތުކޮޅެއް ކަމަށެވެ.

ޔޫއެންގެ މެމްބަރަކަށް ނުވާ އޮބްޒާވަރެއްގެ ދަރަޖަ ފަލަސްތީނަށް ދިނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން އޭޝިއާއާއި އެފްރިކާއާއި ލެޓިން އެމެރިކާގެ ގިނަ ގައުމުތަކަކުން ވަނީ ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެފަ އެވެ.