އދ. މަޖިލިސް (އޮކްޓޯބަރ 1): އިސްރާއީލެކޭ އެއްގޮތަށް ފަލަސްތީނުގެވެސް ދައުލަތެއް ގާއިމް ކުރެވެން ޖެހޭނެކަމަށްބުނެ ދެ ދައުލަތުގެ ހައްލަކަށް ގޮވާލައި ގިނަ ފަރާތްތަކުން ގަބޫލުކުރަނީ ހަމައެކަނި އިސްރާއީލުގެ ދައުލަތްކަމަށާއި އެ ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުނުކުރާ ކަމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަމުން ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ، އިސްރާއީލުގެ ދައުލަތަކާއި ފަލަސްތީނުގެ ދައުލަތެއް އޮންނަ ގޮތަށް ދެ ދައުލަތުގެ ހައްލަކަށް ފަލަސްތީނުގެ މައްސަލަ ހައްލުނުވެ އޮތުމަކީ ބައިނަލްއަގްވާމީ ދައުލަތްތައް ލަދުވެތިވާންޖެހޭ ކަމެއްކަމުގައެވެ.

އައްބާސް ވިދާޅުވީ، ފަލަސްތީނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ހިންގާ ޣައިރު ގާނޫނީ މަޝްރޫޢު ކަމުގައެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ މިނިވަން ދައުލަތަށް ދެމިއޮތުމުގެ ފުރްސަތު ނެތެމުންދާކަމަށާއި ނަމަވެސް މިމަޝްރޫޢު ހުއްޓުވުމަށް އިސްރާއީލާދެކޮޅަށް އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ، އިސްރާއީލުން ފަލަސްތީނާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް އިސްރާއީލުން އިޙްތިރާމް ނުކުރާކަމަށާއި އެހެންކަމުން މީގެފަހުން މިފަދަ އެއްބަސްވުންތަކަށް އިޙްތިރާމް ކުރެވެން ފަލަސްތީނަށްވެސް ނޯންނާނެ ކަމުގައެވެ.

އިސްރާއީލުން 1967 ގެ ހަނގުރާމައިގައި ހިފި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަމުން ދިޔުމުގެ ސަބަބުން އެ ބިންތައް ފަލަސްތީނަށް ގެއްލެމުންދާއިރު އެ ބިންތަކުން ފޭބުމަށް ގޮވާލާ އދ.ގެ ގަރާރުތައް އޮތީ އޮތްތާނގައި ކަންވެސް އައްބާސްގެ ތަގްރީރުގައި ފާހަގަ ކުރެއްވިއެވެ.

އދ. ގައި އައްބާސް ކުރެއްވި ތަގްރީރަށްފަހު އޭނާއާއި ބާންކިމޫން ވަނީ އދ. ގެ މައި މަރުކަޒުގައި ފަލަސްތީނުގެ ދިދަ ރަސްމީގޮތުން ނަންގަވައި ދެއްވާފައެވެ. (އަލްޖަޒީރާ)