ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ސިވިލް ސާވިސްގެ ހުސް މަގާމުތަކަށް މުވައްޒަފުން ހޯދުން ހުއްޓާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް މިއަދު ހުސްކޮށްހުރި ސިވިލް ސާވިސް މަގާމުތަކަށާއި މިއަދުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ހުސްވާ ސިވިލް ސާވިސްގެ މަގާމުތަކަށް މުވައްޒަފުން ނުހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާފައިވާ ކަމަށެވެ.

"ސަރުކާރުގެ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިއުލާން ކުރެއްވުމުގެ ކުރިން އެ އޮފީހެއް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރެއްގެ ހުއްދައާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ހޯދެވުމަށް ވެސް ރައީސް އޮފީހުން ވަނީ އެދިވަޑައިގެންފައި،" ސީއެސްސީގެ ސާކިއުލާގައި ބުނެފައިވެއެވެ.

މިއަހަރަށް ބަޖެޓު ތައްޔާރު ކުރިއިރު، މިއަހަރު ސިވިލް ސާވިސް މަގާމުތަކަށް އިތުރު މުވައްޒަފުން ނުނެގުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވަނީ ވިދާޅުވިއެވެ.

ދިވެހި ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ހަރަދުތައް ކޮންމެ އަހަރަކުވެސް ބޮޑުވަމުން އަންނައިރު އެންމެ ބޮޑު ހަރަދެއްކުރާ ދާއިރާއަކީ މުވައްޒިފުންނަށް މުސާރަ ދިނުމެވެ.