24 Mar 2011, 16:13
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވުމާއި، އެ ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުން، އެ ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ ވަގުތީ ގޮތުން ހުއްޓަވާލައްވައިފި އެވެ.
އެމްޑީޕީގެ ވެބްސައިޓުގައި އެކަން ބަޔާންކޮށް ބުނަނީ، އެމްޑީޕީގެ ޗެއަޕާސަން އަލުސްތާޒާ މާރިޔާ އަޙްމަދު ދީދީ އަށް ޒަކީ ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައިވާ ގޮތުގައި، ޒަކީ އެގޮތަށް ނިންމެވީ، "އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ، އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަގުފަހިކޮށްދިނުމަކީ ޕާޓީގެ މެންބަރުންނަށް ނުހަނު މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ" ކަމަށެވެ.
"މި އިންތިޚާބު އެންމެހައި ކަމެއް ނިމެންދެންނާއި އަދި މި އިންތިޚާބާ ގުޅޭ ކަންކަމުގައި އަންނަ ޝަކުވާތައް ބެލުމުގައި ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ވަގުތީ ގޮތުން އެ ކޮމިޓީގެ މެންބަރެއްކަމުގައިވާ އަލްފާސިލް ހަސަން އަފީފާ ހަވާލުކޮށްދެއްވުމަށް ވެސް، އިބްރާހިމް ޙުސައިން ޒަކީގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވެ އެވެ،" އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ ނާއިބު ރައީސްގެ ހައިސިއްޔަތުން، އަސާސީ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާފައި ވަނީ، ކުރިއަށް އޮތް ޕާޓީގެ އިސް މަގާމުތަކުގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވައިފައިވާ ޒަކީ އެވެ.