20 Apr 2010, 10:13
ޖަލުގެ ކަންތައް ރަނގަޅު ކުރުމަށް ޑީޕީއާރުއެސްގެ އިސް ވެރިން އެކަށީގެންވާ ސަމާލުކަން ނުދެއްވާ ކަމަށާއި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ޖަލެއް ނުވަތަ ޖަލުތަކެއް ވަރަށް އަވަހަށް އަޅަންޖެހިފައިވާ ކަމަށް ހިއުމަން ރައިޓް ކޮމިޝަނުން ބުނެފި އެވެ.
ކ. މާފުށީ ޖަލު ބަލަހައްޓާ ފަރާތްތަކާއި ގައިދީންނާ ދެމެދު ހޮނިހިރު ދުވަހުގެ ރޭ ކުރިމަތިލުންތައެއް ހިނގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވުމާ ގުޅިގެން، އެކަން ހިނގި ގޮތް ބެލުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނުން ޖަލަށް ޒިޔާރަތްކުރުމަށް ފަހު، މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެފަދަ ހާދިސާއެއް ހިނގަން މެދުވެރިވީ ޑީޕީއާރުއެސްގެ އޮފިސަރުންގެ ކޮންޓްރޯލު ޖަލުގައި ނެތުމުން ކަމަށް. އަދި އެ ކަމުގެ ސަބަބުން ޖަލުބަލަހައްޓާ މުވައްޒަފުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތައް އަބަދުވެސް ތިބެނީ ގައިދީންގެ ފަރާތުން އަތުވެދާނެ ހަމަލާއަކަށް ބިރުން ކަމަށެވެ. އަދި ޖަލުގެ ކަންތައްތައް ރަނގަނު ކުރުމަށް ޑީޕީއާރުއެސް އިން އެކަށީގެންވާ ސަމާލުކަމެއް ނުދޭ ކަމަށްވެސް އެ ނޫސްބާނުގައި ފާހަގަކޮށްފައިވެ އެވެ.
މާފުށީ ޖަލުގައި ހިނގި އެ ހަމަނުޖެހުމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ އެ ކޮމިޝަނަކީ ހަމައެކަނި ކުށްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް އޮތް މުއައްސަސާއެއް ނޫސް ކަމަށާއި ރާއްޖޭގައި އިންސާނިއްޔަތާ ހިލާފަށް ހިންގާ ނޭއްގާނީ އަމަލުތައް އަބަދުވެސް އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ގޮތުން ޖަލުގައި ތަކުރާރުވެގެންދާ އެފަދަ ހަމަނުޖެހުންތައް ޒާހިދު ކުށްވެރި ކުރެއްވި އެވެ.
ޖަލުން ވާހަކަ ދެއްކި މީހަކު އިއްޔެ ބުނީ އެ ހަމަނުޖެހުން ހިނގީ، ކުށްވެރިން ޔާޑަށް ނެރެ އެމީހުންގެ ތެރެއިން ބަޔަކު ގެންދިއުމަށް މަސައްކަތްކުރުމުން ދެފަރާތުގެ ދެމެދުގައި ދެބަސްވުން ހިނގައިގެން ކަމަށެވެ. އަދި މި ހާދިސާގައި މުގުރު ބޭނުންކޮށްގެންނާއި، އެކި ގޮތްގޮތުން ކުށްވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ހާދިސާގައި އަނިޔާވި ކަމަށް ބުނާ ބައެއްގެ ފޮޓޯތަކެއް ވެސް އިއްޔެ ސަންއެފްއެމަށް ވަނީ ލިބިފަ އެވެ.
ނަމަވެސް ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު އިއްޔެ ވިދާޅުވީ، އެ ހާދިސާ ހިގަން މެދުވެރިވީ ކުށްވެރިންނަށް ކާންދިނުމަށް އޮފިސަރަކު ވަނުމުން އޭނާ ރަހީނުކުރުމަށް ކުށްވެރިން މަސައްކަތް ކުރުމާ ގުޅިގެން ކަމަށެވެ.