01 Oct 2015, 09:04
ދެހާސް ސާދަ ވަނަ އަހަރު އިސްކަންދަރު ސްކޫލުން ހުރިހާ ގޮތަކުން އެއްވަނަ ދަރިވަރަކަށް މޫސާ މިޖާދު ނޫމާނު ހޮވިއްޖެ އެވެ.
މިޖާދަކީ ނިމިދިޔަ އަހަރު އިސްކަންދަރު ސްކޫލުގެ ކެޕްޓަން ކަމާއި ސުކޫލު ޕްރިފެކްޓު ބޯޑުގެ ދަރިވަރެއްގެ އިތުރުން ނޭޝަނަލް ޓޮޕްޓެން އިން މުޅި ރާއްޖެއިން ދެވަނައަށް ގޮސްފައިވާ ދަރިވަރެކެވެ.
ނިމިދިޔަ އަހަރު އިސްކަންދަރު ސްކޫލުގެ 156 ދަރިވަރަކު ވަނީ ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައެވެ.
ރޭ ބޭއްވި އިސްކަންދަރު ސްކޫލުގެ ނިމިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު
ދަރުބާރުގޭގައި ރޭ ބޭއްވި އިސްކަންދަރު ސްކޫލުގެ ނިމިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ސްކޫލުން ޖީސީއީ އޯލެވެލްގައި މިދިޔަ އަހަރު ބައިވެރިވި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު 40 ދަރިވަރަކަށް ވަނީ އިނާމު ދީފައެވެ. ހަމައެއާއެކު ދުނިޔޭގެ ގަދަ 10 އެއްގައި ހިމެނުނު 9 ދަރިވަރަކަށް ވެސް ރޭގެ ޖަލްސާގައި ވަނީ އިނާމު ދީފައެވެ.
ރޭ ބޭއްވި އިސްކަންދަރު ސްކޫލުގެ ނިމިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު
ރޭގެ ރަސްމިއްޔާތުގައި، ނިމިދިޔަ އަހަރު ގްރޭޑު ހަތެއްގެ އެންމެ މޮޅު 10 ދަރިވަރަކަށް ވެސް ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްފައެވެ. އަދި އިތުރު ހަރަކާތްތަކުން އެންމެ މޮޅު ދަރިވަރުންނަށް ވެސް އެ ރަސްމިއްޔާތުގައި ވަނީ އިނާމު ދީފައެވެ. އެގޮތުން ހާފިޒް ކަމުގެ ސަނަދު ހޯދި އިސްކަންދަރު ސްކޫލްގެ ދަރިވަރު މުހައްމަދު ޝައްފާން ސުލައިމާނަށް ވަނީ އޭނާގެ ކާމިޔާބީ ފާހަގަކޮށް ޚާއްސަ އިނާމެއް ދީފައެވެ.
ރޭ ބޭއްވި އިސްކަންދަރު ސުކޫލުގެ ނިމިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު
ރޭގެ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު އިބްރާހީމް އިސްމާއިލް އަލީ ވިދާޅުވީ، ސްކޫލުގައި ކުދިންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވެ އެކަމުން ތަފާތު އެކިއެކި މަސައްކަތްތައް ދަސްކުރަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ހަރަކާތްތަކުގެ ސަބަބުން ކުއްޖާ ހެދި ބޮޑުވާއިރުު ކުއްޖާގެ ދިރިއުޅުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ދަސްވެގެން ދާނެ ކަމަށާއި އެކަމުގެ ސަބަބުން ގައުމަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
ރޭ ބޭއްވި އިސްކަންދަރު ސްކޫލުގެ ނިމިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު
"ސްކޫލުން ރާވައި ހިންގާ ކަންކަމަކީ ތައުލީމާ ތަރުބިއްޔަތުގެ ތެރެއިން ރާވާ ކަންކަން. ކިޔެވުމުގެ އިތުރުން ސްކޫލުގައި ރާވާ ހަރަކާތްތަކުގައި ބައިވެރިވުން މުހިއްމު. އަދި އެއްވެސް ކުއްޖަކު ބާކީ ނުވާ ގޮތަށް ގިނަ ހަރަކާތްތަކުގައި ބައިވެރިވާނެ ޗާންސް ކުދިންނަށް އެބައޮތް. ފުރުސަތު މިއޮތީ ކުދިންގެ އަތްމަތީގައި. ވީމާ ކުދިން މި ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑު ގޮވާލަން،" އިބްރާހީމް އިސްމާއިލް ވިދާޅުވި އެވެ.