24 Mar 2011, 15:46
ޓްރިޕޮލީ: ހުޅަނގުގެ ބާރުތަކުން ލީބިޔާއަށް ދެމުންގެންދާ ޙަމަލާތަކުގައި ގިނަޢަދަދެއްގެ އާންމުން މަރުވެއްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ލީބިޔާގެ މަސްއޫލުވެރިންވަނީ ހުޅަނގުގެ މަތިންދާ ބޯޓުތަކުން ރޭ ގެ ވަގުތެއްގައި ލީބިޔާއަށް ދިން ބޮމުގެ ޙަމަލާތަކުގައި މަރުވި ޢާންމުންގެ 18 މީހެއްގެ ހަށިތައް ނޫސްވެރިންނަށް ދައްކާފަ އެވެ.
ހުޅަނގުގެ މަތިންދާބޯތުތަކުން ރޭ ޓްރިޕޮލީގެ އިރުމަތީގައިވާ ބައެއް އަމާޒުތަކަށާއި ލީބިޔާ ސިފައިންގެ ޢަސްކަރީ ބޭހަކަށް ޙަމަލާތަކެއްދިންކަން އިނގިރޭސިވިލާތާއި ފަރަންސޭސިިލާތުންވަނީ ކަށަވަރުކޮށްދީފައެވެ. ހުޅަނގުގެ ބައެއް ޙަމަލާތައް ޓްރިޕޮލީގެ އިރުމަތީ އަވަށެއްގެ މީހުން ދިރިއުޅޭ ޢިމާރާތްތަކަށް އެރިކަން ޚަބަރުފަތުރާ ވަސީލަތްތަކުން ވަނީ ހާމަކޮށްފައެވެ.
ލީބިޔާގެ ޚާރިޖީވަޒީރުގެ ނައިބު ޚާލިދް ކަޢީމް ވިދާޅުވީ ރޭ ހުޅަނގުގެ ބާރުތަކުން ދިން ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ޓްރިޕޮލީއާއި މިސްރާތާއާއި ބެންޣާޒީ ގެ ދެކުނުގައިވާ ޢަސްކަރީ އަދި މަދަނީ ތަންތަނަށް ކަމުގައެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ޙަމަލާތަކުގައި ގައްޒާފީގެ ދަރިިއެއް ކަމަށްވާ ޖެނެރަލް ޚަމީސް އަވަހާރަ ވިކަމަށް ފެތުރުނު ޚަބަރުތަކެއް ގައްޒާފީގެ ސަރުކާރުންވަނީ ދޮގުކޮށްފައެވެ.
އަނެއްކޮޅުން ލީބިޔާއާ ދެކޮޅަށް ހުޅަނގުން ހިންގަމުންގެންދާ ޢަސްކަރީ އޮޕަރޭޝަންތަކުގައި މިހާތަނަށް އެމެރިކާގެ ބަޖެޓުން 220 މިލިޔަން ޑޮލަރު ޚަރަދު ވެފައިވާ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ބުނެއެވެ. (އަލްޖަޒިރާ+ބީ.ބީ.ސީ)