ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ޔުނައިޓެޑް ނޭޝަން ވޯކިން ގުރޫޕް އޮން އާބިޓެރީ ޑިޓެންޝަން (ޑަބުލިއުޖީއޭޑީ) އަށް ހުށަހެޅުއްވި ކަންކަމަށް ރިއާޔަތް ކުރެވެން ޖެހޭނެ ކަމަށް ޑަބުލިއުޖީއޭޑީ އިން ސަރުކާރަށް އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ މައްސަލަ ބަލާއިރު ރައީސް ނަޝީދު ހުށަހެޅުއްވި ކަންތައްތަކަށް ރިއާޔަތް ކުރެވެންޖެހޭނެ ކަމަށް ޑަބުލިއުޖީއޭޑީ އިން ނިންމިކަމުގައިވިޔަސް، ސަރުކާރުން އެކަން ބަލައި ނުގަންނަ ކަމަށެވެ.

"މިކަމުގައި ސަރުކާރުން ކުރިއެކޭ އެއްގޮތަށް އެއްބާރުލުން ދެމުން ގެނަދިޔަ ނަމަވެސް، ޑަބްލިޔުޖީއޭޑީގެ އެ ނިންމުންތައް ބަލައިގަނެ އޭގައި ވާ ކަންތައްތަކަށް އަމަލުކުރެވެން ނެތް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ސަބަބަކީ ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން ސަރުކާރުން ކުރިމަތިކޮށްފައިވާ ސުވާލުތަކަށް ޑަބުލިއުޖީއޭޑީ އިން ފުރިހަމައަށް ޖަވާބުދާރީވެވިފައި ނުވާތީ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެ މައްސަލަ ބަލާއިރު ރައީސް ނަޝީދު ހުށަހެޅުއްވި ކަންތައްތަކަށް ރިއާޔަތް ކުރެވެން ޖެހޭނެ ކަމަށް ނިންމައި ޑަބްލިޔުޖީއޭޑީ އިން ސަރުކާރަށް ހުށަހެޅި ހުށަހެޅުމުގައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް އެކަށީގެންވާ އަހަމިއްޔަތެއް ދީފައިވޭތޯ ސުވާލު އުފެދޭކެމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ރައީސް ނަޝީދުގެ މައްސަލައަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހިނގަހިނގައި އޮތް މައްސަލައެއް ކަމަށެވެ.

އެއީ ކޮންމެ މީހެއް ކަމުގައި ވީ ނަމަވެސް، ޝަރުއީ ދާއިރާގައި ހިނގަހިގާ އޮތް މައްސަލައެއްގެ ތެރެއަށް ސަރުކާރަކަށް ނުވަދެވޭނެ ކަމަށާއި އެފަދަ ގޮތަކަށް ސަރުކާރުން އަމަލުކޮށްފިނަމަ އެވާނީ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި މައްސަލައަށް ނުފޫޒު ފޯރުވައިފިނަމަ އެވާނީ، ވަކިފަރާތަކަށް ބުރަވެ، ޝަރުއީ ނިޒާމްގެ ބާރުކަނޑުވާލުން ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

"ރާއްޖޭގެ ޝަރުއީ މަރުހަލާގައި އެ މައްސަލަ ކުރިއަށް ދަނިކޮށް، ޑަބްލިޔުޖީއޭޑީގެ އެ ލަފަޔާ އެއްގޮތަށް އަމަލު ނުކުރެވޭނެ. އެގޮތަށް ކަންތައް ކުރާނަމަ ސަރުކާރުން ޖެހޭނީ ޝަރުއީ ދާއިރާއަށް ސިޔާސީގޮތުން ނުފޫޒު ފޯރުވަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމް ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލް ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި ކަމަށާއި ނަމަވެސް އިސްތިއުނާފު މައްސަލައަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެއްބާރުލުން ލިބިފައިނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ހައިކޯޓުން ރައީސް ނަޝީދުގެ މައްސަލަ ބޭރުކޮށްލިއިރު، އެ މައްސަލާގައި ހައިކޯޓުން ނިންމި ނިންމުގައި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް އެބައޮތް ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ރާއްޖޭގެ އިސްތިއުނާފީ ކޯޓަކަށް އެ މައްސަލަ ހުށަހަޅައިގެން ގޮތެއް ނިންމުމަށް އެދިވަޑައިގެންފިނަމަ އެކަމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ހައިކޯޓުން ރައީސް ނަޝީދުގެ އިސްތިއުނާފު މައްސަލަ ބޭރުކޮށްލާފައިވާތީ، ހައިކޯޓުގެ ނިންމުން މުރާޖާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ކަން އެހެންހުރުމުން ރައީސް ނަޝީދުގެ މައްސަލާގައި ދެން ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.