01 Oct 2015, 09:34
މަޝްހޫރު އެކްޝަން ސްޓާރ، ޖެކީ ޗޭން އާއެކު ހޮލީވުޑް ފިލްމެއް ކުޅުމުގެ ފުރުސަތު ބޮލީވުޑްގެ ތަރި ސޯނޫ ސޫދަށް ލިބިއްޖެ އެވެ.
ހޮންގް ކޮންގުގެ ޑައިރެކްޓަރު، ސްޓޭންލީ ޓޯންގު ޑައިރެކްޓްކުރާ އައުޓް އެންޑް އައުޓް އެކްޝަން ފިލްމު، "ކުން ފޫ ޔޯގާ"ގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ދުބާއީ، ބެއިޖިންގު އަދި އިންޑިއާގައެވެ.
އަންނަ އަހަރު ރިލީޒްކުރާނެ ކަމަށް ބެލެވޭ އެ ފިލްމުގެ ޝޫޓިންތައް މިހާރު ކުރިއަށްދަނީ ދުބާއީގައެވެ.
މިއީ މިދިޔަ އަހަރު ރިލީޒްކުރި މަޝްހޫރު ފިލްމު، "ހެޕީ ނިއު އިޔާ" އަށްފަހު ސޯނޫ ކުޅޭ ފުރަތަމަ ފިލްމެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖެކީ ޗޭން ކުޅޭ އެންމެ އަގުބޮޑު އެ ފިލްމުގައި ސޯނޫ ފެނިގެންދާނީ 'މައި' ރޯލަކުންނެވެ.
ދަ އިންޓަނެޓް މޫވީ ޑޭޓާ ބޭސް (އައިއެމްޑީ) އިން ބުނާގޮތުން "ކުން ފޫ ޔޯގާ" ގެ ތަރިންގެ ތެރޭގައި ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި ޓައިގާ ޝްރޮފް ވެސް ހިމެނެ އެވެ.
އެ ފުރުސަތަށްޓަކާ ސޯނޫގެ "ހެޕީ ނިއު އިޔާ" ގެ ޑައިރެކްޓަރު ފަރާ ޚާން ވަނީ އޭނާގެ ޓްވިޓާގައި ސޯނޫއަށް މަރުހަބާ ކިޔައި "އަސްލު ކަރާޓީ އަކާއި ފަރާޓާއެއް ބައްދަލުވީ" ކަމަށް ބުނެފައެވެ.
"ކުން ފޫ ޔޯގާ ގައި އަހަރެންގެ އެކުވެރިޔާ ސޯނު ސޫދާއެކު ޖެކީ ޗޭން ފެނިގެންދާތީ ވަރަށް އުފާވެއްޖެ. އަސްލު ކަރާޓީ އެއް ފަރާޓާއަކާ ބައްދަލުވެއްޖެ،" ފަރާ ޚާންގެ ޓްވީޓާގައި ބުނެފައިވެ އެވެ.
ސޯނު ފިލްމީ ދާއިރާ ފެށީ ޓަމިލް ފިލްމަކުންނެވެ. އެއަށްފަހު 2002 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު، "ޝަހީދު އޭ އާޒަމް" އާއެކު ބޮލީވުޑަށް އޭނާ ތައާރަފްވެގެން އައެވެ.