އައިޖީއެމްއެޗް ތެރެއިން ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަށް ހަމަލާދޭން ސަރުކާރުގެ ދެ އޮފިޝަލަކު މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފިޔާޒު މިރޭ ސަން އަށް ވިދާޅުވީ މިއަދު އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ތުހުމަތުކުރެވޭ ދެ އޮފިޝަލުންގެ ނަމާ އެކު ކަމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ ފިޔާޒަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން އަންނަނީ ބަލަމުން ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

ރާއްޖެ ޓީވީން ބުނެފައި ވަނީ ފިޔާޒަށް ހަމަލާ ދޭން މަސައްކަތް ކުރީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަސްމީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ޒަޚަމްވި ބޭފުޅުން އައިޖީއެމްއެޗަށް ގެންގޮސްގެން ފަރުވާ ދެއްވަމުން ގެންދެވިއިރު، އެކަން ކަވަރުކުރުމަށް އައިޖީއެމްއެޗްގައި ފިޔާޒު ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ރާއްޖެ ޓީވީން ބުނީ ފިޔާޒުގެ ގައިގައި ޖެހުމަށް މީހަކު އަތް ހޫރާލި ވަގުތު އޭނާގެ ކުރިމަތީގައި ދެ ފުލުހަކު ވެސް ތިބި ކަމަށެވެ. ހަމަލާދޭން މަސައްކަތް ކުރުމަށްފަހު އެ ދެ މީހުން ފިޔާޒަށް އިންޒާރު ދީ އޭނާގެ މޯބައިލް ފޯނު އަތުލަން މަސައްކަތް ކުރި ކަމަށް ވެސް ރާއްޖެ ޓީވީން ބުންޏެވެ.

ފުލުހުންގެ އިތުރުން މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް އެ މައްސަލަ ވަނީ ހުށަހަޅާފައެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓެޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.