30 Sep 2015, 22:54
ސުޕްރީމް ކޯޓުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
އެމްޑީޕީން އެގޮތަށް ބުނެފައި ވަނީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނުނޫސްބަޔާނަށްރައްދު ދީ މިއަދު އެ ޕާޓީން ނެރުނުބަޔާނުގަ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ވަކި ޚާއްސަ ބާރެއް ސުޕްރީމް ކޯޓަށް ގާނޫނު އަސާސީން ދީފައި ނުވާ ކަމަށެވެ.
"ދައުލަތުގެ އެންމެ މަތީ ކޯޓުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަވައި ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށާއި ސިޔާސީ މަޤްޞާދެއް ޙާސިލްކުރުމަށް ބަޔަން ނެރުއްވާ ހިސާބަށް ކަންކަން ދިއުމަކީ މިއަދު ދިވެހި ދައުލަތަށް ކުރިމަތިވެފައިވާ ބިރުވެރި ކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭނުން ކުރާނެ ކަމަށް ބުނެ، އެ ކޯޓުން ނެރެފައިވާ ނޫސްބަޔާނަކީ ހަރުކަށި ބަޔާނެއް ކަމަށާއި އެފަދަ ބަޔާނެއް ނެރުއްވި ސަބަބާމެދު އެމްޑީޕީގެ ބަޔާނުގައި ވަނީ ސުވާލު އުފައްދާފަ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި އަމާންކަން ގާއިމްވެފައި އޮތުން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޅަމުން ގެންދާނެ ކަމަށެވެ.
ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އަމްރު މަޢުރޫފު ހިންގާނެ ކަމަށް ބަޔާން ކުރުމަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރަށް އަރައިގަތުން ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނަށް ރައްދު ދެމުން އެމްޑީޕީން ބުނެފައި ވަނީ ފަހުގެ ތާރީޙެއްގައި ދިވެހި ރައްޔިތުން ދުށް އެންމެ ނުރައްކާތެރި، ބިރުވެރި އަދި ހިތާމަވެރި އެއް ދުވަހަކީ ފެބްރުއަރީ 7، 2012، ކަމަށާއި އެ ދުވަހު އެފަދަ ބަޔާނެއް ސުޕްރީމް ކޯޓުން ނެރުއްވާފައިނުވާ އިރު، ކުއްލި ގޮތަކަށް އެފަދަ އެއްވެސް ހަމަނުޖެހުމެއް ޤައުމުގައި ނެތް އިރެއްގައި ސުޕްރީމް ކޯޓުން އެފަދަ ބަޔާނެއް ނެރުނު ސަބަބާ މެދު ކަންބޮޑުވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާނަކީ ސަރުކާރާ ޚިޔާލު ތަފާތުވާ ފަރާތްތަކަށް ސީދާ ބިރު ދެއްކުމުގެ މަޤްޞާދުގައި ނެރުއްވާފައިވާ ބަޔާނެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.
އެ ޕާޓީން ބުނީ ޢަދުލު އިންސާފުގެ ބާރު ވެރިކަން ހިންގާ ބާރާ މަސްހުނިވެފައިވުމަކީ ރައްޔިތުންގެ އިތުބާރު މުޅި ޝަރުޢީ ދާއިރާއަށް ގެއްލިގެން ދާނެ ކަމެއް ކަމަށެވެ. އަދި ބުނީ ސުޕްރީމް ކޯޓުން މިފަދަ ކަންކަމުން ދުރުވެ، ޤައުމަށް ކުރިމަތިވެފައިވާ ޢަދުލު އިންސާފުގެ ދާއިރާގެ ގޮންޖެހުންތައް ހައްލު ކުރެއްވުމަށް ގޮވާލާ ކަމަށެވެ.