24 Mar 2011, 15:22
ޓެލްއަވީވް : އަންހެނަކު ރޭޕްކުރުމާއި އިތުރު އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކަކާ ގުޅިގެން 2007 ވަނަ އަހަރު މަޤާމުން އިސްތިޢުފާދެއްވި އިސްރާއީލުގެ ކުރީގެ ރައީސް މޯޝޭ ކަޓްޒަވް ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އިސްރާއީލުގެ ކޯޓަކުން ޙުކުމް ކޮށްފި އެވެ.
ކަޓްޒާވްގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ތިން އަންހެނަކާ ދެކޮޅަށް ޖިންސީ ޖަރީމާ ހިންގެވުން ހިމެނެ އެވެ. މިތިން އަންހެނުންގެ ތެރެއިން އެކަކު ރޭޕްކޮށް އޭނާގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ސާބިތު ވެފައިވާއިރު އަނެއް ދެ އަންހެނުންނަށް ވެސް ކަޓްޒާވް ޖިންސީ ގޮތުން ގޯނާކުރައްވައި ދުއްތުރާކުރެއްވިކަން ވަނީ ސާބިތުވެފަ އެވެ.
މިޖަރީމާތަކާ ގުޅިގެން ކަޓްޒާވްގެ މައްޗަށް ޙުކުމް އިއްވާފައި ވަނީ މަސައްކަތާ އެކު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި ރޭޕްކުރެވުނު އަންހެން މީހާ އަށް 28000 އެމެރިކާ ޑޮލަރުގެ ބަދަލެއް ދިނުމަށެވެ.
މިޙުކުމް އިއްވަމުން މިމައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ ކުށްވެރިޔާ މީގެ ތެރެއިން ގިނަ ޖަރީމާތައް ހިންގާފައި ވަނީ އިސްރާއީލުގެ އެންމެ ފަޚްރުވެރި އަދި ޝަރަފުވެރި މަޤާމު ކަމަށްވާ ޤައުމުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން ކަމަށްވާތީ މިޖަރީމާގެ ނުރައްކާތެރިކަން އެތައް ގުނައެއް ބޮޑުވެގެންދާ ކަމުގަ އެވެ.
ކަޓްޒާވް މިޖަރީމާތައް ހިންގަވާފައި ވަނީ ރައީސްކަމުގައި ހުންނަވައިގެން ކަމަށް ވިޔަސް މިފަދަ ޖަރީމާއެއް ހިންގުމުން ޤައުމުގެ އެންމެ އާދައިގެ ރައްޔިތަކަށް ވެސް ލިބޭ އަދަބު އޭނާއަށް ވެސް ލިބެން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކަޓްޒާވްއަކީ އިސްރާއީލުގެ ގިނަ ޔަހޫދީންނެކޭ އެއްގޮތަށް އަމިއްލަ ޤައުމު ދޫކޮށް ފަލަސްތީނުގެ ބިމުގައި ޒަޔަނިސްޓުން އުފައްދާފައިވާ އިސްރާއީލެވެ ކިޔާ ޔަހޫދީ އިސްތިޢްމާރީ ދައުލަތަށް ހިޖްރަކޮށްގެން އުޅުއްވާ ބޭފުޅެކެވެ.
ކަޓްޒާވްއަކީ އީރާނަށް އުފަން އީރާނުގެ ޔަހޫދީއެކެވެ. އޭނާ އިސްރާއީލަށް ހިޖްރަކުރެއްވީ 1951 ގައި ޢާއިލާއާއެކުގަ އެވެ. ޖިންސީ ޖަރީމާތަކަށް އިންކާރު ކުރައްވަމުން ކަޓްޒާވް ވިދާޅުވީ މިއީ އިސްރާއީލުގައި އޮންނަ ނަސްލީ އިމްތިޔާޒުގެ ނިޒާމުގެ ދަށުން ވަރަށް ބޮޑަށް ރޭވިގެން ދިޔަ ކަމެއްކަމެއް ކަމަމަށެވެ.
މިކަމުގެ ފަހަތުގައި ވަނީ އިސްރާއީލުގައި ދިރިއުޅޭ އިރުމަތީ ޤައުމުތަކުގެ ޔަހޫދީންނާ ދެކޮޅަށް ހުޅަނގުގެ ޔަހޫދީން ހިންގަމުން ގެންދާ ނަސްލީ ތަފާތު ކުރުމުގެ މުޑުދާރު ރޭވުންތައް ކަމަށް ވެސް ކަޓްޒާވް ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)