01 Oct 2015, 09:11
ލަންޑަނުގައި ނަގަން ބޭނުންވާ މަންޒަރުތައް ނެގުމަށްފަހު ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު، "އޭ ދިލް ހެ މުޝްކިލް"ގެ ޝޫޓިންތައް ލޯބީގެ ސިޓީ، ޕެރިހުގައި ފަށައިފި އެވެ.
"އޭ ދިލް ހެ މުޝްކިލް" ގައި ފެނިގެންދާ ގިނަ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އެއް ބަތަލާ، އަނުޝްކާ ޝަރުމާ ވަނީ ޕެރިހުގައި ކަރަންއާއެކު ނަގާފައިވާ ފޮޓޯއެއް ފޭނުންނާ ޓްވީޓާ މެދުވެރިކޮށް ހިއްސާކޮށްފައެވެ.
ކަރަންއާއެކު ފިލްމު، "ބޮމްބޭ ވެލްވެޓް"ގައި ފެނިގެން ގޮސްފައިވާ އަނުޝްކާ ފިލްމު، "އޭ ދިލް ހެ މުޝްކިލް" ގައި ފެނިގެންދާނީ ފިލްމުގައި ކުޑަ ރޯލަކުން ފެނިގެންދާނެ ޕާކިސްތާނު ބަތަލު އިމްރާން އައްބާސް އާއެކު އެވެ.
ޕެރިހުގައި ނަގަން ބޭނުންވާ މަންޒަރުތައް ނެގުމަށްފަހު "އޭ ދިލް ހެ މުޝްކިލް"ގެ ޓީމު ދެން ފުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާ އަށެވެ. އެތަނުން ފިލްމުގެ އަނެއް ބަތަލާ، އައިޝްވަރިޔާ ރާއީ ފިލްމުގެ ޓީމާ ގުޅޭނެ ކަމަށްވެ އެވެ.
"ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ކާމިޔާބީ އަށްފަހު ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު، "އޭ ދިލް ހެ މުޝްކިލް" ގައި އަނުޝްކާ އަދި އައިޝްވަރިޔާގެ އިތުރުން ރަންބީރު ކަޕޫރު ފެނިގެންދާއިރު، މިއީ އެ ތިން ތަރިން އެއް ފިލްމަކުން ފެންނަ ފުރަތަމަ ފިލްމެވެ.