"ސިޔާސީ ކުށްވެރިން" މިނިވަން ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް މައާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އިސްލާހެއް ހުށަހަޅައިފި އެވެ.

މަހުލޫފު ހުށަހަޅާފައި ވަނީ އެ ގާނޫނުގެ 29 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

މަހުލޫފު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އެ މީހެއްގެ މައްޗަށް ސާބިތުވި ކުށް ބަޔާންކޮށްފައިވާ ގާނޫނު އުވިގެން ގޮސްފިނަމަ، އަދި އެ ކުށް އެހެން އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާނަމަ އެ ކުށެއްގެ އަދަބު ލުއި ކޮށްދިނުމާއި އެ ކުށަށް މައާފު ދިނުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

އެ ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާކަމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ ބޭފުޅުންނާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމު އަދާ ކުރެއްވި ބޭފުޅުންގެ މައްޗަށް ތަންފީޒު ކުރާ ޖިނާއީ ކުށަކާ ގުޅިގެން ތަންފީޒުކުރާ އަދަބު ލުއިކޮށް ނުވަތަ އެ ކުށަށް މާފުދިނުމުގެ އިހްތިޔާރު ރައީސަށް ލިބިގެންވާ ކަމަށް މަހުލޫފު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައި ވަނީ މައާފު ދިނުމުގެ ހާއްސަ އުސޫލުތަކެ ކެވެ.

މަހުލޫފު ވިދާޅުވީ އެފަދަ އިސްލާހެއް ހުށަހެޅުމުގެ ބޭނުމަކީ އެތައް ސިޔާސީ އިސްވެރިންތަކެއް ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިއުމާއި ގުޅިގެން ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ލީޑަރުން ޖަލުގައި ތިބިގެން ގައުމަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.