ޖޭމްސް ބޮންޑުގެ އެންމެ ފަހުގެ ފިލްމު، "ސްޕެކްޓާރ"ގެ މަންޒަރުތައް ނެގުމަށް 24 މިލިއަން ޕައުންޑުގެ އަގުހުރި ސްޕޯޓްސް ކާރުތަކެއް ހަލާކުކޮށްލާފައިވާ ކަމަށް އެ ފިލްމުގެ ޗީފް ސްޓަންޓު ކޯޑިނޭޓަރު، ގެރީ ޕަވެލް ބުނެފި އެވެ.

ގެރީ ބުނެފައިވާގޮތުން، ހަލާކުކޮށްލި ކާރުތަކުގެ ތެރޭގައި އިޓަލީގައި ނަގާފައިވާ މަންޒަރަކަށް، ހާއްސަ ޑިޒައިނަކާއެކު ތައްޔާރުކޮށްފައިވާ އެސްޓަން މާޓިން ޑީބީ10ގެ ހަތް ސްޕޯޓްސް ކާރު ހިމެނެ އެވެ.

"އެމީހުން ދިޔައީ ވަޓިކަން (އިޓަލީގެ ވަށައިގެން އޮންނަ ސިޓީ ސްޓޭޓެއް) ގައި 110 ގެ ބާރު މިނުގައި. ފިލްމުގެ އެންމެ ހަތަރު ސިކުންތު ކޮޅަކަށް އަހަރެމެން މުޅި ރޭ ހޭދަކުރިން،" ފިލްމެއްގެ މަންޒަރު ކިޔައިދެމުން ގެރީ ބުނެފައިވެ އެވެ.

އީއޮން ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް މިއަހަރު ނެރުމަށް ހަމަޖެހިފައިވާ 24 ވަނަ ޖޭމްސް ބޮންޑް ފިލްމު، "ސްޕެކްޓާރ"ގައި ހައިރާން ކުރުވަނިވި އިތުރު އެކްޝަން މަންޒަރުތަކެއް ވެސް ހިމެނޭ ކަމަށް އެ ފިލްމުގެ ޓީމުން ބުނެއެވެ.

އެގޮތުން، ރޯމުގެ މަގުމަތީގައި ޖަގުއާ ސީ-އެކްސް75 އެއް ދުއްވާ ނުބައިބައި މީހެއްގެ ފަހަތުން އެސްޓަން މާޓިން ކާރެއްގައި ޖޭމްސް ބޮންޑު ދުއްވާ މަންޒަރަކާއި ޖޭމްސް ބޮންޑު ދުއްވާ މަތިންދާބޯޓެއް ގޮސް ނުބައިބައި މީހަކު ދުއްވާ ލޭންޑް ރޯވާއެއްގައި ޖައްސައި ގޮއްވާލާ މަންޒަރެއް ހިމެނޭ ކަމަށްވެ އެވެ.

ސެމް މެންޑެސް ޑައިރެކްޓްކޮށް އަންނަ މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރަން ތައްޔާރުވާ ފިލްމު، "ސްޕެކްޓާރ" ގައި އެތައް މިލިއަން ޕައުންޑެއްގެ އަގުހުރި ކާރުތަކެއް ހަލާކުކޮށްލި އިރު، އެއީ "ފާސްޓް އެންޑް ފިއުރިއަސް 7" އަޅާ ބަލާއިރު އަދި ކުޑަ އަދަދެކެވެ.

ރިޕޯޓްތައް ބުނާގޮތުން "ފާސްޓް އެންޑް ފިއުރިއަސް"ގެ އެންމެ ފަހުގެ އެ ފިލްމަށް ގާތްގަނޑަކަށް 230 ކާރު ހަލާކުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ބެންޒާއި ފޯޑް ކްރައުން ވިކްޓޯރިއާ އަދި މިޓްސުބިޝީ މޮންޓެރޯއެއް ހިމެނެ އެވެ.