30 Sep 2015, 21:31
ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން އަދި ދައުލަތުގެ އިސްވެރިން ދަތުރު ކުރެއްވި ލޯންޗުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގު ކުރުމަށް އިންޑިއާގެ ފޮރިންސިކް ޓީމެއް މިރޭ ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން މިރޭ އާންމު ކުރި ކުރު ބަޔާނެއްގައި ބުނީ ރާއްޖޭގެ ފުލުހުންގެ އެދުމަކަށް އިންޑިއާގެ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ފޮރެންސިކް ޓީމެއް މިރޭ ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ބުނީ އެ ޓީމް މަސައްކަތް ކުރާނީ ރާއްޖޭގެ ފުލުހުންނާ ގުޅިގެން ކަމަށެވެ.
ހައި ކޮމިޝަނުންގެ ބަޔާނުގައި ބުނީ އެ ޓީމް ހަރަކާތްތެރިވާނީ މާލޭގައި ކަމަށާއި ހޯމަ ދުވަހު ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގު ކުރުމަށް ދިވެހި ސަރުކާރުން އެދޭ ކޮންމެ ޓެކްނިކަލް އެހީއެއް އެ ޓީމުގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ. ފުލުހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
އިންޑިއާ ސަރުކާރުން ބުނީ ކުރިން ވެސް ފުލުހުންނަށް އެފަދަ އެހީ އިންޑިއާ އިން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ބުނީ ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ބައިލެޓްރަލް ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ފޮރެންސިކް ލެބެއް 2010 ވަނަ އަހަރު ގާއިމުކޮށް، އަދި އެ ލެބަށް 2011 ވަނަ އަހަރު ފޮރެންސިކް އިކްވިޕްމަންޓް ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ.
ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގުކުރުމަށް އެމެރިކާގެ އެފްބީއައިގެ ހަތަރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް ވެސް ރޭ ވަނީ ރާއްޖެ އައިސްފަ އެވެ. އަދި ހޯމަ ދުވަހުގެ ރޭ ވެސް އެހެން ބޭފުޅަކު ރާއްޖެ އައިސް ވަނީ މަސައްކަތް ފަށައިފަ އެވެ.
'ސަން'އާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ތަހުގީގުގައި އެމެރިކާ އިން ރޭ ވަޑައިގަން ހަތަރު ބޭފުޅުންނާއި ކުރިން ވަޑައިގެންނެވި ބޭފުޅާ އެކު މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ސަޢުދީ ޢަރަބިއްޔާ އިން އެނބުރި ވަޑައިގެން މާލެއަށް ދަތުރުކުރައްވަނިކޮށް، އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗްކޮޅުގައި ހިނގި އެއްޗެއް ގޮވުމުގެ ހާދިސާއަކީ ރައީސް ޔާމީނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ވުން ގާތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ ވިދާޅުވެފަ އެވެ.
އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ރައީސްގެ ބޮޑީ ގާޑަކަށް، އަދި ޕްރޮޓްކޯލް ބޭފުޅަކަށް ވަނީ އެކިވަރުގެ އަނިޔާ ވެފަ އެވެ.