30 Sep 2015, 20:55
ގދ.ތިނަދޫ ހަވަރު ސުޕޯޓްސް އާއި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ގުޅިގެން ބޭއްވި "އަލް މުދިޝް އަބުޅޯ ބަށި ޗެލެންޖު 2015" ގެ ޗެމްޕިއަންކަން ބީސީ ހަބޭސް އިން ހޯދައިފިއެވެ.
ބީސީ ހަބޭސް އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ހޯޑެއްދޫ ހިއްވަރު ޓީމާ ވާދަކޮށް 32 ލަނޑާއި ހަ ފޯލި ހަދައިގެންނެވެ. ހިއްވަރު ޓީމަށް ހެދުނީ 29 ލަނޑާއި 11 ފޯއްޔެވެ.
ފައިނަލް މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ހިއްވަރު ޓީމްގެ ޝިހާމާ އަބްދުއްރަޝީދެވެ. މީގެއިތުރުން މުބާރާތުގެ އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިއަކީ ވެސް ޝިހާމާ އެވެ. އަދި އެ މުބާރާތުގެ ބަށި ރާނީ އަކަށް ވެސް ހޮވިފައިވަނީ ޝިހާމާއެވެ. އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިއަކީ ހަބޭސް ޓީމްގެ އައިމިނަތު ޒަމީލާއެވެ.

އަބުޅޯ ބަށި ޗެލެންޖު 2015 ގެ ބަށި ރާނީ އަށް ހޮވުނު ޝިހާމާ އަށް ތައްޓާއި އިނާމް ހަވާލުކުރަނީ --- ފޮޓޯ: ހަވަރު ސުޕޯޓްސް
ފައިނަލް މެޗަށް ފަހު ވަނީ މުބާރާތުގެ އެންމެ މޮޅު އަށް ކުޅުންތެރިން ގެ ނަންތަށް އިއުލާން ކޮށްފައެވެ. އެ ކުޅުންތެރިންނަކީ ހިތްވަރު ޓީމުގެ ޝިހާމާ އަބްދުއްރަޝާދު އާއި ހަމަ އެ ޓީމުގެ އައިޝަތު ރީމާ އާއި ޝާހިރާ މުހައްމަދުގެ އިތުރުން ހަބޭސް ޓީމުގެ އައިމިނަތު ޒަމީލާ އާއި އެ ޓީމުގެ ޝާދިޔާ ޝަކީބު އާއި ފާތިމަތު މިލްނާ އާއި ފަތްމިނި ޓީމުގެ މުނިއްޔަތު ނުފޫޒު އާއި އިތާ ބަށި ޓީމްގެ ފާތިމަތު ނަހުޒާ އެވެ.

އަބުޅޯ ބަށި ޗެލެންޖު 2015 ގެ ރަނަރަޕް ޓީމަށް އިނާމް ހަވާލުކުރަނީ --- ފޮޓޯ: ހަވަރު ސްޕޯޓްސް
އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިންއިރު ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފައެވެ. އަދި ކޮންމެ މެޗެއްގެ ކުއީން އޮފް ދަ މެޗަކަށް ލިޓަސް އޮޓޯ މޮބައިލް ތިނަދޫގެ ފަރާތުން 5000 ރުފިޔާގެ ވައުޗަރެއް ހުށަހަޅާފައިވެއެވެ.