އިނގިރޭސި ވިލާތުގެ ފިކްޝަނަލް ސްޕައި އެޖެންޓް، ޖޭމްސް ބޮންޑުގެ ރޯލު ކުޅެން ޝައުގުވެރިވާ ކަމަށް، "ވުލްވަރިން"ގެ ބައި ކުޅޭ ހޮލީވުޑްގެ އެކްޓަރު ހިއު ޖެކްމަން ބުނެފި އެވެ.

ޖެކްމަން، 46 ބުނި ގޮތުގައި، އެ ރޯލު ކުޅުމަށް އޭނާއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވި ނަމަވެސް، 007ގެ އެޖެންޓުގެ ރޯލު ކުޅުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

"ހަމަގައިމު ވެސް އަހަރެން އެކަމާ ވިސްނާނަން. މި ދުނިޔެއަކު ނުހުންނާނެ ކަންނޭނގެ އެ ރޯލު ކުޅެން ލިބިއްޖެ ނަމަ، އެކަމާ ތިމަންނަ ވިސްނާނަމޭ ބުނާނެ އެކްޓަރެއް،" ޖެކްމަން ބުނެފައިވެ އެވެ.

ހަ ފިލްމެއްގައި ވުލްވަރިންގެ ބައި ކުޅެފައިވާ ކުޅަދާނަ އެކްޓަރު، ޖެކްމަން މީގެ ކުރިން ބުނެފައިވާ ގޮތުން، އޭނާއަށް ކުރިން ވެސް ޖޭމްސް ބޮންޑުގެ ރޯލު ކުޅެދިނުމަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެފަހަރު އެ ހުށަހެޅުން ގަބޫލު ނުކުރީ، "އެކްސް މެން 2" ކުޅެން ތައްޔާރުވަމުންދާތީ ކަމަށް އޭނާ ބުނެފައިވެ އެވެ.