30 Sep 2015, 17:58
މުސާރަ ނުދޭތީ ކަމަށް ބުނެ ރާއްޖޭގެ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ 100 އަށް ވުރެ ގިނަ ބިދޭސީންތަކެއް މިއަދު ކުރި މުޒާހަރާއެއް ފުލުހުން ހުއްޓުވައިފި އެވެ.
ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ކުންފުނީގެ 150 އަށް ވުރެ ގިނަ ބިދޭސީން ރާޅުގަނޑު ސަރަހައްދުގައި މުޒާހަރާ ކުރަން ފެށީ މިއަދު 3:30 އެހާކަންހާއިރު އެވެ. ރާޅުގަނޑު ސަރަހައްދުން ފެށިގެން އުސްފަސްގަނޑު ސަރަހައްދަށް ކުރިއަށް ގެންދިޔަ އެ މުޒާހަރާ މާގިނައިރުތަކެއް ނުވެ، ފުލުހުންނާއި އިމިގްރޭޝަންގެ ޓީމަކުން އައިސް ވަނީ އެ މުޒާހަރާ ހުއްޓުވާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ ބިދޭސީންގެ މުޒާހަރާ ހުއްޓުވީ، ބިދޭސީން ރާއްޖޭގައި މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމުގައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ވޯކް ވިސާގައި ރާއްޖެ އަންނަ ބިދޭސީން މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމަށެވެ.

މިއަދު ހަވީރު ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން: ބިދޭސީން ބުނީ އެ މީހުން މުޒާހަރާއަށް ނުކުތީ މުސާރަ ނުދޭތީ ކަމަށް -- ސަން ފޮޓޯ/ އަލީ ޝާމިން
މުޒާހަރާ ކުރި ބިދޭސީންނާ "ސަން"އިން ސުވާލު ކުރުމުން ބުނީ އެމީހުން މުޒާހަރާ ކުރީ މުސާރަ ނުދޭތީ ކަމަށެވެ. އަދި ބުނީ މުސާރަ ނުދޭތާ މިހާރު ތިން މަސް ދުވަސް ވެފައިވާ ކަމަށެވެ.
ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓުރަކްޝަން ކޮމްޕެނީގެ މެނޭޖަރު އަހުމަދު ވިޝާމް މިއަދު "ސަން" އަށް ވިދާޅުވީ ތިން މަސް ދުވަހުގެ މުސާރަ ނުދީ ނޯންނާނެ ކަމަށެވެ.
"...މި ދޭތެރެއިން މި އައީ ދެއްތޯ ބޮޑު ބަންދެއް. އެ ބަންދު އެ ދޭތެރެއަށް ވަނީމަ އަޅުގަނޑުމެންގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވެގެން މި ދިޔައީ ވެސް. އަނެއްކާ އަޅުގަނޑުމެން މުސާރަ ދެމުން މި ދަނީ ވެސް ޑޮލަރުން ކަމަށް ވާތީ އެ ތާށި މި އެރީ،" ވިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުވައްޒަފުންނަށް ދޭންޖެހޭ އެއްވެސް މުސާރައެއް މިހާރު ނޯންނާނެ ކަމަށާއި އަދި މިރޭ މުވައްޒަފުންގެ މުސާރަ ދީ އެއްކޮށް ނިންމާލާނެ ކަމަށެވެ.
"އަސްލު އަޅުގަނޑުމެން މުސާރަ މި ދެނީ ދެ ގޮތަކަށް. އެއީ މަހުގެ 15 ގެ ކުރިން މުވައްޒަފުންނަށް މުސާރަ މި ދެނީ ޑޮލަރުން. އަދި މަހުގެ 30 ވަނަ ދުވަހު އަޅުގަނޑުމެންގެ މުވައްޒަފުންނަށް މުސާރަ މި ދެނީ ދިވެހި ފައިސާއިން،" ވިޝާމް ވިދާޅުވި އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު ހަސަން ހަލީލު މިއަދު "ސަން"އަށް ވިދާޅުވީ ބިދޭސީން މުޒާހަރާ ކުރި ސަރަހައްދަށް އިމިގްރޭޝަންގެ ޓީމެއް ދިޔަ ކަމަށާއި އެ ވަގުތު އެތަނަށް ދިޔަ އޮފިސަރުން ގާތު މުސާރަ ނުދޭ ވާހަކަ ބިދޭސީން ބުނެފައިވާ ކަމަށެވެ.
"އެކަމަކީ އިމިގުރޭޝަނުގެ ލޭބާ ރިލޭޝަން އޮތޯރިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެކަން [ބިދޭސީން މުޒާހަރާކުރި މައްސަލަ] ލޭބާ ރިލޭޝަން އޮތޯރިޓީއަށް އަޅުގަނޑުމެން ހުށަހަޅާނަން،" ހަލީލު ވިދާޅުވި އެވެ.