ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ހިޔާނާތަށް މަގުފަހިވާ 30 މައްސަލައެއް އޮޑިޓް އޮފީހުގެ 2009ގެ އޮޑިޓް ރިޕޯޓުން ފެންމަތިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހު މާލިއްޔަތު ކޮމެޓީން ބުނެފި އެވެ.

މާލިއްޔަތު ކޮމިޓީގެ ސެކްރެޓޭރިއެޓް އަދި ރައްޔިތުންގެ މަޖިލީހުގެ ސީނިއާ އެކައުންޓެންޓް ހަދީޖާ ހުސެއިން މިއަދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި މާއްލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅި އޮޑިޓާ ޖެނެރަލް އޮފީހުގެ އޮޑިޓް ރިޕޯޓްގައި މާލިއްޔަތު ޤާނޫނާއި ގަވާއިދާ ހިލާފަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ވަރަށް ގިނަ ކަންތައްތަކެއް އޮޑިޓަރުން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ހިޔާނާތަށް މަގުފަހިވާ އެ މައްސަލަތައް ފާހަގަވީ 2009 ވަނަ އަހަރު، އޮޑިޓް އޮފީސް އޮޑިޓްކޮށް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓުން ކަމަށާއި ނަމަވެސް އެ ރިޕޯޓް އަދި އާންމު ނުކުރައްވާ ކަމަށެވެ.

"ނައީމް އޮފީސް ހިންގަވަމުން ގެންދެވީ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތައް އޮޑިޓް އޮފީހުގެ މައްޗަށް ނުހިނގާނެ ކަމަށް ބައްލަވައިގެން،" ނާޒިމް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީން މިއަދު ވަނީ އެ މައުލޫމާތުތައް ސަންއާ ހިއްސާކޮށްފަ އެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އޮޑިޓް އޮފީހުން ހަރަދުކޮށްފައިވާ ގޮތުގެ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތަށް ފިނޭންސަށް ފޮނުވާފައެއްނުވެ އެވެ. އަދި ފައިސާއާ ބެހޭ ސްޓޭޓްމަންޓްތައް ތައްޔާރުކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ވަނީ ހިލާފުވެފަ އެވެ.

އެ ކޮމެޓީން ބުނީ 2008 ވަނަ އަހަރުގެ ބަޖެޓްގެ ބަކީން 2009 ވަނަ އަހަރުގެ ބައެއް ކަންތައްތައް ކޮށްފައިވާ ކަމަށާއި މާލިއްޔަތު ޤާނޫނުގައި ދައުލަތުގެ ހުރިހާ ހަރަދެއް ވެސް ކުރަން ޖެހޭނީ އެމްއެމްއޭގައިވާ އެކަންޓުން ކަމަށް ބުނެފައި ވަނިކޮށް ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުޅުވައި ހަރަދުކޮށްފައިވާއިރު 2008 އަހަރުގެ ބަޖެޓްގެ ބާކީ ފިނޭންސާއި ހަވާލުނުކޮށް ލަސްކޮށްފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓީން ބުނީ އޮޑިޓް އޮފީހަށް ބަލައިގަންނަ ފައިސާ ބޭންކަށް ޖަމާކުރުން ލަސްކޮށް، އަދި މުއައްޒަފުން، އެމީހުންގެ އެއްބަސްވުންތަކާ ހިލާފްވެފައިވާ އިރު ވެސް އަޅަން ޖެހޭ ފިޔަވަޅު ނާޅައި ބައެއް ފަހަރު އޮފީހަށް ފައިސާ ބަލައިގަތުމަށް ފަހު ފައިސާގެ ރަސީދު ވެސް ނުހަދާ ކަމަށެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އެ އޮފީހަށް ލިބޭ އާމްދަނީ، ލިބިފައިވާ އަހަރު އޮޅުވާލައި އާމްދަނީގެ ގޮތުގައި ބަލައިގެންނަ ފައިސާގެ ހިސާބުތައް އަޕްޑޭޓް ނުކުރުން ވެސް ހިމެނެ އެވެ.

މާލިއްޔަތު ކޮމެޓީން ބުނީ އޯޑިޓް އޮފީހުގެ އެކިއެކި ކަންކަން ކުރުމުގައި މާލިއްޔަތު ޤާނޫނުގެ އިތުރުން އޮޑިޓް ޤާނޫނާއި ވަޒީފާއާ ބެހޭ ޤާނޫނާ ވެސް ހިލާފްވެފައިވާ ކަމަށް ރިޕޯޓުން އެނގޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ ނައީމް ހުންނެވި އިރު އެގޮތަށް ކަންތައް ކުރައްވަމުން ގެންދަވާތީ މާލިއްޔަތު ކޮމިޓީން، އޭރުގެ ބަންޑާރަނައިބު ހުސްނުއް ސޫދުގެ ލަފާ ހޯއްދަވާފައިވާނެ ކަމަށާއި މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު ދައުލަތުގެ އެންމެހާ މުއައްސަސާތަކެއްގެ މައްޗަށް ވެސް ހިނގާނެ ކަމަށް ބަންޑާރަނައިބު ލަފާ ދެއްވާފައިވާ ކަމަށެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމް އެމަގާމުން ވަކިކުރެއްވީ ރާއްޖެ އިން ބޭރަށް ވަޑައިގެން އުޅުއްވާއިރު ކްރެޑިޓް ކާޑު ބޭނުންކުރައްވައިގެން ދައުލަތުގެ ފައިސާ އިން ނަހަމަގޮތުގައި ބޭނުން ކުރައްވާފައިވާ ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ.