ހޯމް މިނިސްޓްރީގެ ޒިންމާތައް އަދާނުކުރެވި، މާރާމާރީ އާއި ވައްކަން އިތުރުވެ ފޭލް ވެގެން ދިއުމުން އެކަމުގެ އިލްޒާމް ކްރިމިނަލް ކޯޓްގެ ޒިންމާގައި އަޅުވަން ނުޖެހޭނެ ކަމަށް ކްރިމިނިލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖޭގެ ދާހިލީ ހަމަޖެހުން ބަލަހައްޓާ ހޯމް މިނިސްޓްރީއަށް ޒިންމާ އަދާނުކުރެވި، ގާޒީންގެ ބޮލުގައި އެ އިލްޒާމް އެޅުވުމުގެ އަސްލަކީ ހޯމް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ފެއިލްވުން ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރުމުގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓަރު ހިމެނިވަޑައިގަންނަވާއިރު، އެ ޒިންމާ ހޯމް މިނިސްޓަށް ނުއުފުއްލެވޭ ކަމަށް ވެސް ކްރިމިނަލް ކޯޓުން މިއަދު ބުންޏެވެ.
~
"ގާނޫނު ތަންފީޒު ކުރުމުގައި އެންމެ އިސްކޮށް ހުންނަނީ ހޯމް މިނިސްޓަރު ކަމަށްވެފައި، އެ ޒިންމާތައް އަދާނުކުރެވި ފެއިލް ވެގެންދިޔާމައި، އެހެން މީހުންގެ ބޮލުގައި އެ ޒިންމާ އަޅުވަން މަސައްކަތް ކުރުމަކީ އެ މީހާ ފެއިލްވެއްޖެ ކަމުގެ އެންމެ ބޮޑު ހެކި،" ކްރިމިނަލް ކޯޓްގެ އިސް އޮފިޝަލު ވިދާޅުވި އެވެ.

ރާއްޖޭގައި އިންތިހާއަށް އިތުރުވަމުންދާ މާރާމާރީ އާއި ވައްކަމުގެ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކޮށް ކްރިމިނަލް ކޯޓުން ބުނީ ދާހިލީ ހަމަނުޖެހުން ގެއްލިޖެ ނަމަ އެތަނެއްގައި ގާނޫނާއި ގަވާއިދު ނުހިނގާނެ ކަމަށެވެ. ރާއްޖޭގައި ކުށްކުރާ ގިނަ މީހުންނަކީ ދިގު މުއްދަތަކަށް ޖަލުގެ ހުކުމް ތަންފީޒު ކުރަންޖެހޭ މީހުން ކަމަށާއި އެ މީހުން ދޫވެ، މަގުމައްޗަށް އާންމެ ވެފައިވަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މުއައްސަސާތަކުގެ އިހްމާލުން ކަމަށެވެ.

"ޖަލުގައި ބަންދުގައި 70 އަހަރާއި 50 އަހަރަށް ބައިތިއްބަން ހުކުމްކޮށްފައި ތިބި މީހުން މުޖުތަމައަށް ނުކުމެ، މާރާމާރީ ހިންގަނީ. މީހުންމަރަނީ، ވައްކަންކޮށް ފޭރެނީ. އެކަން މިކުރަނީ ދިގު މުއްދަތަކަށް ޖަލުގެ ހުކުމް ތަންފީޒު ކުރަމުންޖެހޭ މީހުން. އެހެން ވީމާ ހުކުމް ތަންފީޒު ނުވުމަކީ ކޯޓެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން. އެކަން ކުރަން ހުރި ފަރާތަކީ ހޯމް މިނިސްޓްރީ، އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މުއައްސަސާތަކުން ކުރަންޖެހޭ ކަމެއް އެއީ،"

ކްރިމިނަލް ކޯޓްގެ އިސް އޮފިޝަލު ވިދާޅުވީ ކޯޓްތަކު ހުކުމްތަކަށް ދައުލަތުގެ މުއައްސަސާތައް ބޯލަނބައި ހުކުމްތައް ތަންފީޒު ކުރުމުން ނޫނީ އަމަން އަމާންކަން ރާއްޖޭގައި ނުދެމެހެއްޓޭނެ ކަމަށެވެ.
ސަން އަށް އިއްޔެ ދެއްވި އިއްޓަވިއުއެއްގައި ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވެފައިވަނީ ރާއްޖޭގައި ކުށްކުރުން އާންމުވަމުންދަނީ ޝަރުއީ ކޯޓްތަކުންގެ އިހުމާލުން ކަމަށެވެ. އަދި ވިދާޅުވީ ކުށްކުރިކަން ސާބިތު ކުރުމަށް ބޭނުންވާ "ފޮރެންސިކް ހެކި ކޯޓްތަކުން ބަލައި ނުގަންނަނީ ނޫން" ކަމަށާއި "ފޮރެންސިކް ހެކި އެބޭފުޅުންނަށް (ގާޒީންނަށް) ނޭނގެނީ" ކަމަށެވެ.

މިނިސްޓަރު އަފީފުގެ ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލު ވިދާޅުވީ "ގާޒީންނަށް އެގެންޖެހޭ ކަންތަތަކާއި އެނގެން ނުޖެހޭ ކަންތައްތައް" ހޯމް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ބައްލަވަން ނުޖެހޭނެ ކަމަށެވެ. އެކަން ބައްލަވާނީ އުއްތަމަ ފަނޑިޔާރު ކަމަށް ވެސް ވިދާޅުވި އެވެ.