ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ރޯގާއަށް ފަރުވާދޭ ކްލިނިކް (ފްލޫ ކްލިނިކް)ތަކެއް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހުޅުވައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ 20ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކްލިނިކްތަކުން ހައްޖާޖީންގެ ތެރެއިން ހުން އަންނަ ފަރާތްތަކާއި ކެއްސާ ފަރާތްތަކުގެ ޗެކްއަޕް ހަދާނެ ކަމަށެވެ. އޭގެ އިތުރުން ނޭވާ ލުމަށް އުނދަގުވުމާއި ނޭވާލާ ނިޒާމުގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް ވެސް އެ ކްލިނިކްތަކުގައި ފަރުވާ ދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ އޭޖެންސީ އިން ބުނެފައި ވަނީ މިހާރު ހުޅުވާފައިވާ ކްލިނިކްތަކުގައި ނަމްބަރު ނަގައިން މަޑުކުރަން ނުޖެހޭނެ ކަމަށެވެ.

އެގޮތުން އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ މެޑިސިން ކްލިނިކްގައި ހައްޖާޖީންނަށް ފަރުވާދިނުމަށް ކްލިނިކް ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެ އޭޖެންސީ އިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުން ވެސް ރޯގާއަށް ފަރުވާ ކުރާ ކްލިނިކްތައް ހުޅުވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހައްޖުން އެނބުރި އަންނަ ފަރާތްތަކުން ރޯގާޖެހި ކެއްސާ ނަމަ އެއާޕޯޓުން ލިބޭ މާސްކު ބޭނުން ކުރަން ޖެހޭނެ އެވެ. އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ ކުޑަ ކުދިންނާއި އެހެނުންނާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ލަފާދީފަ އެވެ.