24 Mar 2011, 14:06
ށ. ފޯކައިދޫ ރަށު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި 56000ރ. ވަގަށް ނަގައިފި އެވެ.
ފޯކައިދޫ ކައުންސިލަރު އަބްދުﷲ ނާހިދު މިއަދު ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ ތިޖޫރި ފަޅާލާފައި ވަނީ ކައުންސިލް އިދާރާގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށާއި އޭރު ތިޖުރީގައި ހުރި ތިން ލައްކަ ރުފިޔާގެ ތެރެއިން ވަގަށް ގެންގޮސްފައި ވަނީ 56000ރ. ކަމަށެވެ.
އޭނާ ވިދާޅުވީ ތިޖޫރީގައި ހުރި 300000ރ.ގެ ތެރެއިން 244000ރ. ސަލާމަތް ކުރެވުނީ، ތިޖޫރީގެ ޓްރޭއެއްގައި ހުރި ފައިސާ، ތިޖޫރީ ފަޅާލި މީހުންނަށް ނުފެނުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އޭގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ފައިސާ ސަލާމަތްވި،" ނާހިދު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.