ށ. ފުނަދޫން: އަހުމަދު ސާއިލް އަލީ

ޏ. ފުވައްމުލަކުގެ ރަސް ކެއުމަކީ ކައްޓެޅި އެވެ. އެއީ ރާއްޖޭގެ ހަމައެކަނި އެ ރަށަށް އާންމުކޮށް ބާނާ މަހަކަށްވާ އިރު އެ މަސް ވެފައި ވަނީ އެ ރަށުގެ ހާއްސަ މަހަކަށެވެ. ހަމައެގޮތަށް ރާގޮނޑި ރަށު ފަޅުން ހިފާތީ ތ. އަތޮޅު ބުރުނީ ވެފައި ވަނީ ރާގޮނޑިއަށް ހާއްސަ ރަށަކަށްށެވެ. މިފަހަރު ދަށްކަން މިއުޅެނީ އެފަދަ ވާހަކައެކެވެ. ނަމަވެސް ތަންކޮޅެއް ތަފާތު ވާހަކައެކެވެ. އެއީ ށ. ފުނަދޫ މީހުންގެ ކަކުނީގެ ވާހަކައެވެ.

ރާއްޖޭގައި 200 އެއްހާ ރަށް އޮންނައިރު ފުނަދޫ އަކީ އެންމެ ގިނަ އަދަދަކަށް "ނޫމާ ކަނުކި" އުޅޭ އެއް ރަށެވެ. މިރަށު ދަށްފަޅު ނަމަކަށް ކިޔާ ހަތަރު ހެކްޓަރު ހުންނަ ކުޅިއެއްގެ ތެރޭގައި ގިނަ އަދަދަކަށް އެކިވަރުގެ ނޫމާ ކަނުނި އުޅެ އެވެ.

ފުނަދޫ ކުޅިން ހިފަމުން އަންނަ ނޫމާ ކަކުންޏެއް --- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ނޫމާ ކަކުންޏަކީ ތިލަ ފަޅުތަކުގައި އުޅޭ ވަރަށް މަސްމީރު ކަކުންޏެކެވެ. މަޑު މުށިކުލައެއްގައި އޮންނަ މި ޒާތުގެ ކަކުނިތަކަކީ ވަރަށް ބޮޑެތިވާ ކަކުނި ތަކެކެވެ. ގާތްގަނޑަކަށް ތިން ކިލޯގެ އެބާވަތުގެ ކަކުނި ފުނަދޫގައިއުޅެ އެވެ. އާންމުކޮށް ކާން ބޭނުންކުރަނީ ބޮޑެތި ކަކުންޏެވެ.

"ދޭތެރެދޭތެރެއިން ދަން ކަކުނި ހިފަން، ރަށުން ބޭރުން މީހަކު އައިސްސިއްޔާ ވެސް ވަރަށް ކުރާކަމެއް މިއީ." ފުނަދޫ ޒުވާނަކު ބުންޏެވެ.

ފުނަދޫއަށް މިކުރި ދަތުރުގައި ނޫމާ ކަކުނި ހިފުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އަހަރެންގެ މޭސްތިރިއަކަށްވީ މިރަށު މަސްވެރިއެއްކަމަށްވާ މުހައްމަދު އާދަމް (ދޮނޭ) އެވެ. ނޫމާ ކަކުނި ހިފުމަކީ ވެސް ފުނަދޫ ގިނަ ބައެއްގެ ގައިގަ ހުންނަ ހުނަރެކެވެ. އާންމުކޮށް ނޫމާ ކަކުނި ހިފަނީ މިރަށު ދަށްފަޅަށް އެރި ދަނޑިއެއްގައި ކަންވާރު ޖަހައިގެން މަޅި ހަދައިގެން ނުވަތަ ދަލެއް ބޭނުންކޮށްގެންނެވެ. މިއީ މިރަށު ކުދި ބޮޑު އެންމެންގެ ހާއްސަ ހުނަރެކެވެ.

ނޫމާ ކަކުނި ހިފުމާ ގުޅޭ ގޮތުން ސަން އަށް އިންޓަވިއޫ ދެނީ--- ސަން ފޮޓޯ

ދޮނޭ ބުނިގޮތުގައި އެންމެ ކުރިން ސުރެ ވެސް މިރަށުގެ ދަށް ފަޅުގައި ގިނަ އަދަދަކަށް އެކަކުނި އުޅެ އެވެ. އެކަކު ހިފައިގެން ކެއުމަކީ މިރަށު މީހުންގެ އާދައެކެވެ. ހާއްސަކޮށް މިރަށަށް ރަށުން ބޭރުން މީހުންނާއި ގައުމުގެ ވެރިން ވަޑައިގަންނަވާއިރު އެކަކުނި ފިހެގެން ދޭ ކަމަށް ދޮނޭ ބުނެއެވެ.

"މިރަށަށް އަންނަ ބޭފުޅުންނަށް ވަރަށް ކަމުދާ އެއްޗެއް މިއީ. އެހެން ބޭބޭފުޅުން ވަޑައިގަންނަވާ އިރު ކަކުނި ފިހެފައި ކެއުމަށް ބަހައްޓަން." ދޮނޭ ބުންޏެވެ.

ފުނަދުއަށް ރާއްޖޭގެ ރައީސްއިން ވަޑައިގަންނަވާ އިރު މަރުހަބާ ކިޔުއްވާ ކެއުންތަކުގައި ވެސް ނޫމާ ކަކުނި ފިހެ ބެހެއްޓުމަކީ މިރަށުގެ އާދައެކެވެ. މިރަށު މީހުން ދެކޭ ގޮތުގައި ނޫމާ ކަކުންޏަކީ މިރަށަށް ލިބިފައިވާ ހާއްސަ ކަމެކެވެ.

ނޫމާ ކަކުނި ފިހެ ކެއުމަށް ތައްޔާރުކޮށްފައި--- ފޮޓޯ:ކަނޑިޔާ ބުލޮގް

"ރައީސުން ވަޑައިގެންނަވާ އިރު ނޫމާ ކަކުނި ފިހެފައި ބަހައްޓަން. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އަށް ވަރަށް ކަމުދާ މަހެއް ނޫމާ ކަކުންޏަކީ." ފުނަދޫން ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މަސްމީރު ނޫމާ ކަކުނީގެ ކާން ބޭނުންކުރާ މައިގަނޑު މަސް ހުންނަނީ ކަކުނި ފައިގަ އެވެ. ކަކުނި ބޮޑުވާވަރަކުން މަސް މީރު ކަމަށްވެ އެވެ. އެކަކުނި ކެއުމަށް ބޭނުން ކުރަނީ ދެ ގޮތަކަށް ކަކުނި ފިހެގެންނެވެ.

ދޮނޭ ކަކުނި ހިފުމަށް ހަރަކާތްތެރިވަނީ --- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

"މަސް ފިހާހެން ދާގަނޑެއްގެ މަތީ ބާއްވައިގެންވެސް ފިހާނެ، އެގޮތަށް ފިހާއިރު އެއްވެސް އެއްޗެއް ނާޅާނެ. ދެން މިހާރު މީހުން އެގޮތަށް ފިހެފައި މަސް ނަގައިގެން މަހުގައި މިރުސްވެސްލައިހަދާ." ކަކުނި ފިހާގޮތް ކިޔައިދެމުން މިރަށު ޝަކީބާ މުހައްމަދު ބުންޏެވެ.

ނޫމާ ކަކުނިވެފައި މިވަނީ މިރަށަށް ހާއްސަ ބާވަތަކަށެވެ. ނޫމާ ކަކުނި އެއީ މިރަށު ރައްޔިތުންގެ ފަހުރަކަށް އެވަނީވެފަ އެވެ. މިރަށަށް ރަށުން ބޭރުން މީހަކު އައިސްފި ނަމަ މަރުހަބާ ކިޔުމަށް ފަހު ބޭނުންކުރާތަން މިފެންނަނީ ނޫމާ ކަކުންޏެވެ.