އަންނަ އަހަރު މެދުތެރޭގައި މާލެ އަތޮޅުގައި ލަކްސްގެ ދެވަނަ ރިސޯޓު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޮރިޝަސްގެ ހޮޓެލް ގްރޫޕެއް ކަމަށްވާ ލަކްސް އައިލެންޑް ރިސޯޓްސްގެ ފަސްތަރީގެ އެ ރިސޯޓު ހުޅުވަނީ މާލެ އަތޮޅު އޮޅުހަލީގަ އެވެ. އެ ރިސޯޓް ޑިޒައިން ކުރަނީ މިއާޖާ ޑިޒައިން ގްރޫޕުންނެވެ.

އެ ކުންފުންޏާ ހަވާލާދީ ޓޫރިޒަމް ވެބުސައިޓް ހޮޓެލިއާ މޯލްޑިވްސްގައި ބުނެފައި ވަނީ އެ ރިސޯޓް ތައްޔާރުކުރުމުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށް އިތުރަށް ފުރިހަމަކަން ގެނެސްދީފައިވާނެ ކަމަށާއި އެއީ ހުރިހާ ގޮތަކުން ތަފާތު ރިސޯޓަކަށްވާނެ ކަމަށެވެ.

އެ ކުންފުނިން ރާއްޖޭގައި މިހާރު ހިންގާ ލަކްސް މޯލްޑިވްސްގެ ރިސޯޓް އޮންނަނީ އދ. ދިއްދޫ ފިނޮޅުގަ އެވެ. އެ ރިސޯޓުގައި 193 ވިލާ ހުންނަ އިރު އެއީވެސް ފަސްތަރީގެ ރިސޯޓެކެވެ.

އެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި 2017 ނިމުމުގެ ކުރިން އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގައި ލަކްސް އިން އިތުރު ތިން ރިސޯޓު ހުޅުވާނެ އެވެ. އެއީ ޗައިނާ އާއި ރީޔުނިއަން އަދި ސައޫދީ އަރަބިއްޔާގަ އެވެ.

ލަކްސް މޯލްޑިވްސް ރިސޯޓަށް މި އަހަރު ވަނީ ބައިނަލްއަގުވާމީ އެވޯޑުތަކެއް ލިބިފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްގައިދޭ އެންމެ ޝަރަފްވެރި އެވޯޑް، މަޓާޓޯ މޯލްޑިވްސް ޓްރޭވަލް އެވޯޑްސްގެ ލީޑިން އޯލް އިންކްލޫސިވް ރިސޯޓުގެ މަގާމު ވެސް ހޯދާފަ އެވެ.