އިހުގައި ގިނަ އަދަދެއްގެ ދިވެހިން ޓީބީ ބަލީގެ ޝިކާރައަކަށްވި ނަމަވެސް، އެ ބަލި ކޮންޓްރޯލްކުރުމުގައި ސިއްހީ ދާއިރާއިން ވަނީ ބޮޑި ކާމިޔާބީތަކެއް ހޯދައިފައި އެވެ. ނަމަވެސް، މިއަދު ޓީބީ ކޮންޓްރޯލްކުރުމަށް އާ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށް ސެންޓާ ފޯރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް )ސީސީއެޗްޑީސީ( ބުންޏެވެ.
~
ދުނިޔޭގެ ޓީބީ ދުވަހާ ގުޅުވައިގެން ސީސީއެޗްޑީސީން ނެރުނު ބަޔާނުގައި ބުނަނީ، ރާއްޖޭގައި މިދިޔަ އަހަރު އެކަނިވެސް 101 މީހުންނަށް ޓީބީ ބަލި ޖެހިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 44 މީހުންނަށް ކުޅުން ޓީބީގެ ޖަރާސީމު ހުރި މީހުންނަށްވީއިރު، 57 މީހުންގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޓީބީ ޖެހިފައިވާ ކަމަށް ސީސީއެޗްޑީސީން މައުލޫމާތުދެ އެވެ. ނަމަވެސް މަރުވި ތިން މީހެކެވެ.

ކޮންމެ އަހަރެއްގެ މާޗް މަހުގެ 24 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގަ އެވެ.

ސީސީއެޗްޑީސީން ބުނީ، ޓީބީގެ ނުރައްކާ އަނެއްކާވެސް ބޮޑުވަމުންދާއިރު، ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލައަކީ "ބޭހަށް ނުގުޑާ" ދިވެހިން އިތުރުވުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން "ދިވެހިން ޓީބީ ބަލީގެ ޖަރާސީމަށް ހުށަހެޅިފައިވާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާ" ކަމަށް ވެސް ސީސީއެޗްޑީސީން ބުނެ އެވެ. އަދި އެގޮތަށް ކަންތައް ދިމާވާ މައިގަނޑު ސަބަބުތައް ވެސް އެ އިދާރާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

"މި ގޮތަށް މެދުވެރިވާން ޖެހެނީ ޓީބީ ބައްޔަށް ބޭނުންކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ލަފާދެއްވާ ސީދާ ބެލުމުގެ ދަށުން ދެވޭ ފަރުވާ ބައެއް ފަރާތްތަކުން ގަވައިދުން ބޭނުން ނުކުރެވޭތީއާއި އަދި ތަފާތު ބޭނުންތަކުގައި ރާއްޖެ ގެނެވޭ ބިދޭސީންނަށް ހެދޭ މެޑިކަލް ހެދުމުގައި ކޮންމެވެސް މިންވަރަކަށް ބައެއް ފަރާތްތަކުން އިހުމާލުވެވޭތީ."

މިއަހަރުގެ ޓީބީ ދުވަސް "ޓީބީ ބަލި ނައްތާލުމަށް ހަރުދަނާ އާ އުސޫލެއް" މި ޝިޔާރުގެ ދަށުން ފާހަގަކުރަމުންދާއިރު، އެ ބައްޔަށް މީހުން ހޭލުންތެރިކޮށް، ފުރާނައަށް ނުރައްކާހުރި އެ ބައްޔަށް ގިނަ ދިވެހިންތަކެއް ހުށަހެޅުމުގެ ކުރިން ދުޅަހެޔޮ ދިރިއުޅުމެއްގެ އާދަތަކަށް ދިވެހިން ގަޔާވާން ޖެހޭ ކަމަށް ސީސީއެޗްޑީސީން ބުނެ އެވެ.

ޓީބީއަކީ ކެއްސާ ކިނބިހިއަޅާއިރު ވަރަށް ފަސޭހައިން އެކަކުގެ ގައިން އަނެކާގެ ގަޔަށް ވާސިލުވާ ޖަރާސީމަކަށްވާތީ، އެކަންކުރާއިރު އަނގަމަތި ނިވާކުރުން ފަދަ ކަންތައް ކުރުމަކީ އެ ބަލިން ރައްކޭތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސީސީއެޗްޑީސީން ބުނެ އެވެ. އަދި ތުއްތުދަރިފުޅުގެ ޅަފަތުގައި ޖަހަން ޖެހޭ ބީސީޖީ ވެކްސިން ޖެހުމަށް ސަމާލުވުމަށް ވެސް ވަނީ އެ އިދާރާއިން ހަނދާންކޮށްދީފަ އެވެ.

ޓީބީއަކީ މުޅި ދުނިޔެއަށްވެސް މިހާތަނަށް ދިމާވެފައިވާ އެންމެ ދުވަސްވީ، އަދި ކޮންޓްރޯލްކުރަން އުނދަގޫ އެއް ބައްޔެވެ. ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ ހިސާބުތަކަށް ބަލާއިރު، ގާތްގަނޑަކަށް 9.9 މިލިއަން މީހުން ކޮންމެ އަހަރު ޓީބީއަށް ފަރުވާހޯދަ އެވެ. އަދި އެއިޑްބަލި ޖެހިފައިވާ މީހުންގެ ތެރެއިން އަހަރަކު 620،000 މީހުން ޓީބީ ބަލީގެ ސަބަބުން މަރުވެ އެވެ.