30 Sep 2015, 15:12
ފޭސްބުކް ބޭނުންކުރުން އެއީ ކުރިން ވަރަށް ފަސޭހަ ކަމެކެވެ. މިހާރު ފޭސްބުކް ގައި ހުންނަ ފީޗާތައް ގިނަކަމުން ފޭސްބުކް ބޭނުން ކުރުން އެއީ އުނދަގޫ ކަމެއް ކަމަށް ވެދާނެ އެވެ. ތިރީގައި މިވަނީ ފޭސްބުކް ތިބޭފުޅުން ބޭނުންވާ ގޮތަށް ބައްޓަންކުރަން އެހީވެދޭނެ 12 ކަމެކެވެ.
1. ނޮޓިފިކޭޝަންތައް މަދު ކުރުން
ފޭސްބުކްގައި އެއްވެސް ނޮޓިފިކޭޝަނެއް ނާންނަ ގޮތަކަށް ނުހެދޭނެ އެވެ. ނަމަވެސް ވަރަށް ގިނަ ނޮޓިފިކޭޝަން ޑިސްއޭބްލް ކުރެވިދާނެ އެވެ.
ސެޓިންގްސް އަށް ގޮސް ނޮޓިފިކޭޝަންސް އަށް ފިއްތާލާށެވެ. އަދި ކޮމްޕިއުޓަރާއި ފޯނަށް އަންނަ ނޮޓިފިކޭޝަންތައް ބޭނުންވާގޮތަކަށް އުނި އިތުރު ކޮށްލާށެވެ.
ނަމަވެސް ސެޓިންގްސް އަށް ގޮސް އީމެއިލް ނޮޓިފިކޭޝަންތައް ކެންސަލް އެއް ނުކުރެވޭނެ އެވެ. ޖެހޭނީ މެއިލް އަށް ވަދެ އެއްވެސް ނޮޓިފިކޭޝަން އެއް ނާންނަންދެން އަންނަ ކޮންމެ ވައްތަރެއްގެ ނޮޓިފިކޭޝަނެއް އަންސަބްސްކްރައިބް ކުރާށެވެ.
ގްރޫޕޭއް ނޫނީ ޕޭޖަކުން އަންނަ ނޮޓިފިކޭޝަންތައް ހުއްޓުވަން ބޭނުން ނަމަ ޖެހޭނީ އެ ޕޭޖަކަށް ގޮސް ނޮޓިފިކޭޝަން އޮފް ކުރާށެވެ. ބޭނުން ނަމަ އަންލައިކް ނޫނީ ހައިޑް ވެސް ކުރެވިދާނެ އެވެ.
އިވެންޓެއްގެ ނޮޓިފިކޭޝަން އަންނަން ބޭނުން ނުވަނީ ނަމަ ގެސްޓު ލިސްޓުން ނަން އުނިކޮށްލާށެވެ. ނޫނީ ނިއުސް ފީޑުން ހައިޑް އަށް ފިއްތާލާށެވެ.
2. އޮޓޯ ޕްލޭ ވީޑިއޯތައް ނިއްވާލުން
އޮޓޮމެޓިކުން ޕްލޭ ކުރެވޭ ވީޑިއޯގެ ސަބަބުން ޑޭޓާ ބޭނުން ނެތް ގޮތުގައި ހުސްވެގެންހިނގައިދާނެ އެވެ. އަދި ދެކެން ބޭނުން ނުވާ އެއްޗެއް ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މިފަދަ ވީޑިއޯތައް ބޭނުން ނުވާ ނަމަ ކޮމްޕިއުޓަރުން ފޭސްބުކް އަށް ވަދެ އުޅޭ ފަރާތްތައް ސެޓިންގްސް ގެ އެންމެ ތިރީގައިވާ ވީޑިއޯ އޮޕްޝަންސް އަށް ގޮސް ޑީފޯލްޓުން އޯފް އަށް ބަދަލުކޮށްލާށެވެ.
ފޯނުން ފޭސްބުކް އަށް ވަންނަ ފަރާތެއް ނަމަ ދިގަށް ތިން ރޮންގު ކުރަހާފައިވާ އައިކަން އަށް ފިއްތާފައި ތިރިއަށް ސްކްރޯލް ކޮށްލާށެވެ. އަދި އެޕް ސެޓިންގްސް އަށް ފިއްތާލާ ވީޑީއޯ އޮޓޯ ޕްލޭ އަށް ވަދެ ބޭނުންވާ ގޮތަށް ބަދަލުކޮށްލާށެވެ.
3. ކިޔަން ނޫނީ ބަލަން ބޭނުން އެއްޗެހި ފަހަށް ބެހެއްޓުން
ބޭނުން ނަމަ ނިއުސް ފީޑަށް އަރާ އެއްޗިހި ބުކްމާކް ކޮށްލެވޭނެ އެވެ. ކަނާތްފަރާތު މަތީ ކަނުގައިވާ ތީރަށް ފިތާލީމަ ވީޑިއޯ ނޫނީ ލިންކް ސޭވް ކުރުމުގެ އޮޕްޝަން އަރާނެ އެވެ.
މިގޮތަށް ފަހަށް ކިޔަން ނޫނީ ބަލަން ބެހެއްޓިފައިވާ އެއްޗިހި ބަލަން ބޭނުން ނަމަ ފޭސްބުކް ގެ ހޯމްޕޭޖުގައި އެއް އަރިމަތީ ހުންނަ "ސޭވްޑް" ބަޓަން އަށް ފިއްތާލާށެވެ.
4. ނަން ކިޔަންވީ ގޮތް ބުނެދީ
ޕްރޮފައިލް ގެ "އަބައުޓް" ސެކްޝަނުގައިވާ "ޑީޓެއިލްސް އަބައުޓް ޔޫ" އަށް ފިއްތާލާށެވެ. އަދި އޯޑިއޯ ޕްރޮނައުންސިއޭޝަން ކީ އަކަށް ފިއްތާލާށެވެ.
5. މީހަކު ތިމާ ބްލޮކް ކުރިތޯ ބެލުން
މީހަކު ތިމާ ބްލޮކް ކޮށްލި ނަމަވެސް އެކަން އަންގަން ފޭސްބުކް އަކުން ނޮޓިފިކޭޝަން އެއް ނުފޮނުވާނެ އެވެ. ނަމަވެސް އެހެން އެޕެއް ނޫނީ ބްރައުޒާ ޕްލަގް-އިން އެއް ބޭނުން ނުކުރިޔަސް ބްލޮކް ކޮށްފައިތޯ ބެލިދާނެ އެވެ. ތިރީގައި މިވަނީ އެކަން ދެނެގަންނަން އެހީވެދޭނެ ބައެއް ކަންކަމެވެ:
* އެކަކު އަނެކަކުގެ ޓައިމްލައިންގައި ޝެއާ ކޮށްފައިވާ ޕޯސްޓުތައް ނުފެނުން. އަންބްލޮކް ކުރުމުން އަނެއްކާ އެ ޕޯސްޓުތައް ފެންނާނެ އެވެ.
* ޗެޓްލޮގްތައް ހުރިގޮތަށް ހުރި ކަމުގައި ވިޔަސް އައު މެސެޖްތައް ޑެލިވާ ނުވުން.
* ޗެޓް ވިންޑޯއެއް ނޫނީ ކުރީގެ ނޮޓިފިކޭޝަނެއްގައި އޮތް ނަމަކަށް ފިއްތާލައިފި ނަމަ އެ ލިންކެއް އެކްސްޕަޔާ ވެފައިވާ ކަމަށް ނޫނީ ވަކި ބަޔަކަށް ފެންނާނެ ލިންކެއް ކަމަށް އެރުން.
* އަންބްލޮކް ކުރުމަށްފަހު ޖެހޭނީ އަލުން ފްރެންޑް ރިކުއެސްޓެއް ފޮނުވާށެވެ.
6. ކޭންޑީ ކްރަޝް ފަދަ އިންވިޓޭޝަންތައް ބްލޮކް ކޮށްލުން
މީހުން ބްލޮކް ކުރުމުގެ ފުރުސަތުގެ އިތުރުން ފޭސްބުކްގައި ބޭނުމިއްޔާ އެޕްލިކޭޝަންތައް ބޭނުންކުރުމަށް އަދި އިވެންޓުތަކުގައި ބައިވެރިވުމަށް ލިބޭ ދައުވަތުތަކާއި ޕޭޖްތައް ވެސް ބްލޮކް ކޮށްލެވޭނެ އެވެ.
"ބްލޮކް އެޕް އިންވައިޓްސް" ސެޓިންގްސް އަށް ރައްޓެއްސެއްގެ ނަން އިތުރުކޮށްފި ނަމަ އެ ރައްޓެއްސެއްގެ ފަރާތުން ދެން ދުވަހަކުވެސް ކޭންޑީ ކްރަޝް އިންވައިޓް އެއް ނާންނާނެ އެވެ.
7. ކުރިން ކޮށްފައިވާ ޕޯސްޓެއް ނޫނީ ކޮމެންޓެއް ހޯދުން
"އެކްޓިވިޓީ ލޮގް" ގެ "ސާޗް ފީޑް" ގައި އެ ޕޯސްޓެއް ނޫނީ ފޮޓޯއެއްގެ ކެޕްޝަނެއްގައި ހިމެނޭ މައިގަނޑު ބަސްތައް ޖަހައިން އެ ޕޯސްޓެއް ހޯދާށެވެ.
8. ނިއުސް ފީޑުން ތިމާގެ ލައިކްސް އާއި ކޮމެންޓުތައް ފެންނަ މީހުން ދެނެގަތުން
ރައްޓެއްސެއް ފޭސްބުކް ގައި ކުރާ ކޮންމެ ޕޯސްޓެއްގެ ޕްރައިވެސީ ސެޓިންގްސް ވަކިވަކިން އެ ރައްޓެއްސަކު ބޭނުންވާ ގޮތަކަށް ބަދަލު ކުރެވޭނެ އެވެ.
ތިމާ އެ ފޯސްޓު ލައިކް ކުރުމުން ނޫނީ އެ ފޯސްޓަކަށް ކޮމެންޓެއް ކުރުމުން އެ ޚަބަރު އެ ޕްރައިވެސީ ސެޓިންގެއްގެ ދަށަށް ފިޓުވާ ކޮންމެ މީހެއްގެ ނިއުސް ފީޑަކުން ފެނުމުގެ ފުރުސަތު އޮންނާނެ އެވެ.
މިސާލަކަށް ރައްޓެއްސަކު ގްރޫޕް ފޮޓޯ އެއް ނަގައި އޭގައި 20 މީހުން ޓެގް ކޮށްފައި ޕްރައިވެސީ ސެޓިންގްސް "ފްރެންޑްސް އޮފް ފްރެންޑްސް" އަށް ހަމަޖައްސައިފި ނަމަ، އަދި އެ ފޮޓޯ އަކަށް ތިމާ ލައިކް ކޮށްފި ނަމަ ނޫނީ ކޮމެންޓެއް ކޮށްފި ނަމަ އެ ޚަބަރު އެ ފޮޓޯގައި ޓެގް ކުރެވިފައި ތިބި 20 މީހުންގެ އިތުރުން އެމީހުންގެ އެކުވެރިންނަށް ފެންނާނެ އެވެ.
އެހެން ކަމުން ނުދަންނަ މީހުންނަށް ކުރާ ކޮމެންޓުތައް ފެންނަން ބޭނުން ނޫން ނަމަ އެ ޕޯސްޓެއް ނޫނީ ފޮޓޯއެއްގެ ޕްރައިވެސީ ސެޓިންގްސް ބެލުމަށްފަހު ކޮމެންޓު ކުރާށެވެ.
9. ފޭސްބުކް އެޕުން ފޯނުން ނަގާ ޖާގަ ކުޑަކުރުން
ފޭސްބުކް މޯބައިލް އެޕް އަކީ 96 އެމްބީ އަށްވުރެ ބޮޑު ފައިލެކެވެ. މީގެ ސައިޒް – ހާއްސަކޮށް ފޭސްބުކް އަށް ވަދެ ވެބް ބްރައުޒް ކުރާނަމަ – އެތައް ސަތޭކަ އެމްބީ އަކަށް އިތުރުވެދާނެ އެވެ. މިހެން ވަނީ ފޭސްބުކް އިން ލޯޑިންގް ސްޕީޑް އަވަސް ކުރުމުގެ ގޮތުން ވަގުތީ ގޮތުން ނިއުސް ފީޑްގައިވާ ފޮޓޯ ތަކާއި ހުޅުވާ ވެބްޕޭޖެއްގެ ޑޭޓާ ފޯނުގައި ރައްކާ ކުރާތީ އެވެ.
އައިފޯނެއްގައި ނަމަ ކޭޝް ހުސްކުރުމަށް ޖެހޭނީ ފޭސްބުކް ޑިލީޓު ކުރުމަށް ފަހު އަލުން އިންސްޓޯލް ކުރާށެވެ. އަދި އެންޑްރޮއިޑް ފޯނެއްގައި ނަމަ ޖެހޭނީ އެ އެޕެއްގެ އައިކޮންގައި ގިނައިރު ފިއްތައިން ހުރެ އެޕް އިންފޯއަށް ޑްރެގް ކޮށް "ކްލިއާ ކޭޝް" އަށް ފިއްތާލާށެވެ.
10. ފުރަތަމަ ފެންނަން ބޭނުންވަނީ ކާކުގެ ޕޯސްޓުތަކެއްކަން އިޚުތިޔާރު ކުރުން
މިއަހަރުތެރޭގައި ފޭސްބުކް އިން ވަނީ ތިމާގެ މަގުބޫލުކަން އެންމެ ބޮޑަށް ލިބިފައިވާ މީހުން ހޮވާލައި އެމީހުންގެ ޕޯސްޓުތައް ފުރަތަމަ ފެންނަ ގޮތަށް ހަދަން "ސީ ފަސްޓް" ކިޔާ ފީޗާ އެއް ތައާރަފު ކޮށްފަ އެވެ.
ތިމާގެ އެއްމެ މަގުބޫލު ރަހުމަތްތެރިންގެ ނަންތައް މަތީ މައުސް ގެ އައިކަންގައި ބައިންދައިލުމަށްފަހު "ފޮލޮވިންގް" އަށް ފިއްތާލުމަށްފަހު "ސީ ފަސްޓް" ސެލެކްޓު ކުރާށެވެ.
11. އެހެން ޑިވައިސް އަކުން ލޮގް އިން ވެފައި ހުރި ނަމަ ލޮގް އައުޓް ވުން
ސެޓިންގްސް އަށް ދިއުމަށްފަހު ސެކިއުރިޓީ އަށް ވަންނާށެވެ. "ވެއާ ޔޫ ހޭވް ލޮގްޑް އިން" ސެކްޝަނުގައި ތިމާގެ ފޭސްބުކް އެކައުންޓަށް ވަދެފައި ތިބި ޑިވައިސްތައް ފެންނަން ހުންނާނެ އެވެ.
"އެންޑް އެކްޓިވިޓީ" އޮފްޝަން އިޚުތިޔާރު ކުރައްވައި ލޮގް އައުޓް ވާށެވެ.
12. ތިމާގެ ފޭސްބުކް ލޮގިން ބޭނުންކުރާ ހުރިހާ އެޕް ތައް ދެނެގަތުން
ސެޓިންގްސް އަށް ގޮސް އެޕްސް އަށް ފިތީމައި ތިމާގެ ފޭސްބުކްގައި ހިމެނޭ މައުލޫމާތަށް އެކްސެސް ވެވޭނެ ހުރިހާ އެޕްލިކޭޝަނެއް ފެންނާނެ އެވެ. ނަމަވެސް ހަނދާން ބަހައްޓަން ވީ ކަމަކީ މިއިން އެއްވެސް އެޕް އަކަށް ތިމާގެ ހުއްދަ ނެތި ތިމާގެ ފޭސްބުކް ގައި ޕޯސްޓެއް ނުކުރެވޭނެ ކަމެވެ.
ޕޯސްޓު ކުރަން ހުއްދަ ދިން ނަމަވެސް އެ ޕޯސްޓެއް ފެންނަން ބޭނުން މީހުން ވަކިން އިޚުތިޔާރު ކުރެވޭނެ އެވެ.