30 Sep 2015, 15:06
އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ އިސްވެ އޮވެ، އުފައްދާފައިވާ އިއްތިހާދުގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިހާރު ކުރިއަށްދާ ޔޫއެންޖީއޭ ސަމިޓްގެ ހަވާސާގައި ބޭއްވި "އައިސިލްއާ ކުރިމަތިލުމާއި ހައްދުފަހަނަ އެޅުމާ ދެކޮޅަށް ގައުމުތަކުން ކޮށްދޭނެ ކަންތައްތަކުގެ ވައުދު ވުމަށް" ދުނިޔޭގެ ލީޑަރުން އިއްޔެ ޔޫއެންގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކަމަށެވެ. ފޮރިން މިނިސްޓަރު ދުންޔާ ބައިވެރިވެވަޑައިގެންނެވީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ހަބަރުގައިވެ އެވެ.
ބައްދަލުވުމުގައި ދުންޔާ ވިދާޅުވީ 'އައިސިލް އަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް' ގަބޫލުކުރައްވާ ކަމަށެވެ.
"... އަހަރެމެން އެންމެން ވެސް ގަބޫލުކުރަން . ޓެރަރިޒަމާ ކުރިމަތިލައި ހަނގުރާމަ ކުރުމަށް ދުނިޔޭގެ ސްޓްރެޓެޖީގައި ދިވެހި އަދާކުރަން ޖެހޭ ދައުރު އަދާކުރުމަށް ދިވެހި ރާއްޖެ އޮތީ ތައްޔާރަށް،" ދުންޔާ ވިދާޅުވެފައިވެ އެވެ.
އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރުމަށް އެމެރިކާ އިން ހަދައިގެން އުޅޭ އިއްތިހާދުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 60 ގައުމެއްގެ މަންދޫބުން އިއްޔެ ބައްދަލުވުމުގައި ބައިވެރިވި އެވެ.