30 Sep 2015, 14:56
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނަމުގައި މީހުންނަށް ގުޅައި އޮޅުވާލައިގެން ފައިސާ އަތުލުމަށް މަސައްކަތްކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީ އިން އިލްތިމާސްކޮށްފި އެވެ.
މީރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީ އާއި ބޭންކް އޮފް މޯލްޑިވްސް އާއި ހައުސިން މިނިސްޓްރީ ގުޅިގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ރައްޔިތުންނަށް ގޯތި ނުވަތަ ފްލެޓް ހޯދައިދިނުމަށް ޓަކައި ބޭނުންވާ މައުލޫމާތު ދެނެގަތުމަށް ކަމަށް ބުނެ އެ އޮތޯރިޓީގެ ނަމުގައި އެކި ފަރާތްތަކަށް ގުޅާ ކަމަށެވެ.
އެގޮތުން ގޯތި ނުވަތަ ފްލެޓް ލިބޭނެކަން ޔަގީން ކުރުމަށްޓަކައި ވަކި ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދޭ ކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށް މީރާގެ ބަޔާނުގައިވެ އެވެ.
މީރާ އިން ބުނީ އެ އޮތޯރިޓީން އެއްވެސް ފަރާތަކަށް ގުޅައި ވަކި ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ނާންގާނެ ކަމަށެވެ. އަދި އެ އޮތޯރިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ވެސް ބަލައިގަންނާނީ އެ އޮތޯރިޓީގެ އޮފީސްތަކަށާއި "މީރާ ކަނެކްޓް" އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް މީރާގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން އެފަދަ ކޯލްތަކަށް ސަމާލުވުމަށާއި އެފަދަ ކޯލެއް ލިބިއްޖެ ނަމަ 1415 އަށް ގުޅައި އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް މީރާ އިން އެދެ އެވެ.