30 Sep 2015, 14:41
ހޮލީވުޑް މިއުޒިކް އިންޑަސްޓްރީގެ ރޮކޯޑިން އާޓިސްޓުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމަށްޓަކައި ބިލްބޯޑް އިން ދެމުން އަންނަ "ވުމަން އޮފް ދަ އިޔާ"ގެ މަގާމު، މަޝްހޫރު ޕޮޕް ލަވަ ކިޔުންތެރިޔާ ލޭޑީ ގާގާ އަށް މި އަހަރު ލިބިއްޖެ އެވެ.
ލޭޑީ ގާގާ އަށް މި އަހަރު އެ މަގާމު ލިބިފައި ވަނީ ޖިންސީ އަނިޔާ އާއި ބުލީ ކުރުން ފަދަ އަމަލުތައް ހުއްޓުވާ ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަތަކެއް ކުރަމުން އައުމާ ގުޅިގެންނެވެ. ލޭޑީ ގާގާ އަކީ ޕޮޕް މިއުޒިކް އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނައި އާޓިސްޓެކެވެ.
"ލޭޑީ ގާގާގެ ފަރާތުން އަހަރެމެންނަށް ދަސްވީ އަހަރެމެން ގައިގައި ހުރި ސިފައެއް ގަބޫލުކޮށް އަމިއްލަ ނަފުސު ދެކެ ލޯބިވާން. އެހެނީ އަމިއްލަ ނަފްސު ދެކެ ލޯބި ނުވެއެއް އެހެން މީހެއް ދެކެ ލޯތްބެއް ނުވެވޭނެ،" އަކީ ލޭޑީ ގާގާގެ ސަޕޯޓަރުންގެ މޮޓޯއެކެވެ.
ކޮލެޖުތަކުގައި ހިނގާ ޖިންސީ އަނިޔާތަކާ ބެހޭ ގޮތުން ލޭޑީ ގާގާ ވަނީ ދާދި ފަހުން މިއުޒިކް ވީޑިއޯއެއް ނެރެފަ އެވެ. "ޓިލް އިޓް ހެޕެންސް ޓު ޔޫ"ގެ ނަމުގައި ނެރުން ލަވައަކީ އެ މައުލޫއަށް ތައްޔާރު ކުރާ ޑޮކިއުމެންޓްރީ ފިލްމަކަށް ލޭޑީ ގާގާ ކިޔާފައިވާ ލަވައެކެވެ.
އެފްއެކްސްގެ އެމެރިކަން ހޮރޯ ސްޓޯރީގެ އަލަށް ފަށާ ސީޒަން "ފްރީކް ޝޯ" އިން ފެނިގެންދާ ގާގާ މި އަހަރު ވަނީ ބައިނަލްއަގުވާމީ ޓުއާއެއްގައި 36 ޝޯ ދީފަ އެވެ.
ބިލްބޯޑް ވުމެން އޮފް ދަ އިޔާގެ މަގާމަކީ 2007 އިން ފެށިގެން ކޮންމެ އަހަރަކުން ދެމުން އަންނަ މަގާމެކެވެ. އެ މަގާމު އެންމެ ފުރަތަމަ ލިބިފައި ވަނީ ރީބާ މެކެންޓަޔާ އަށެވެ. މިދިޔަ އަހަރު އެ މަގާމު ޓޭލާ ސްވިފްޓަށް ލިބިފައިވާ އިރު 2011 ވަނަ އަހަރު ވެސް އޭނާ ވަނީ އެ މަގާމު ލިބިފަ އެވެ. ޓޭލާ ސްވިފްޓަކީ އެ މަގާމު ދެފަހަރަށް ލިބުނު ހަމައެކަނި އާޓިސްޓެވެ.